ފަރުދީ މިނިވަންކަމާއި ޤައުމީ މިނިވަންކަމުގެ ބަހާތައް ދެނެގަނެ، އެކަންކަމަށް އިސްކަންދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
މޭޔަރ ޢާޒިމް މިކަމަށް އިލްތިމާސްކުރެއްވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންކަމަށް 61 އަހަރު ފުރުނު މުނާސަބަތުގައި އެމަނިކުފާނުގެ އަމިއްލަ އެކްސް އެކައުންޓުގައި ޝާއިޢުކުރެއްވި މެސެޖެއްގައެވެ.
މި މެސެޖުގައި މޭޔަރ ޢާޒިމް ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލުންނަށް ހިތުގެ ފުންމިނުން ތަހުނިޔާ ދަންނަވާފައެވެ.
މިނިވަން ދުވަހުގެ އުފާ ފާޅުކުރަމުންދާއިރު، މިނިވަންކަމުގެ ޙަޤީޤީ މާނައާއި މަފްހޫމާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށް މޭޔަރޢާޒިމް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ ހިތްދަތިކަން ތަޙައްމަލު ކުރަމުންދާ ޤައުމުތަކުގެ ޙާލަތުން ޢިބުރަތް ލިބިގަންނަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، "ޤައުމުގެ މިނިވަންކަން ގެއްލި ބައެއްގެ އަޅުވެތިކަމުގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވާ ޤައުމުތަކުގެ ރައްޔިތުން ބަރުދާސްތުކުރަމުންދާ ވޭނާއި ކެކުޅުމާއި ހިތާމައާއި އުދާސްތައް، އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި، ކޮންމެ ދުވަހަކު ވެސް މި ދަނީ ފެންނަމުން،" ކަމަށެވެ.
އެހެންކަމުން، ފަރުދީ މިނިވަންކަމާއި ޤައުމީ މިނިވަންކަމުގެ ބަހާތައް ދެނެގަނެ، ޚާއްޞަކޮށް ޤައުމީ މިނިވަންކަމަށް އެއްވެސް ކަހަލަ ލޮޅުމެއް ނުވަތަ ބުރުލެއް ނާރާނެ ގޮތަކަށް ދިވެހިންގެ ވިސްނުމާއި، ބަހާއި، ޢަމަލުތައް ބައްޓަންކުރުމަށް މޭޔަރ ޢާޒިމްވަނީ ހުރިހައި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.
