މާލެ ސިޓި ކައުންސިލް

މާލެ ސިޓީ ކައުންސިލް 29 ޖުލައި 2026


ހުޅުމާލޭގައި މަދިރި ނައްތާލުމަށް ފޮގް ކުރުމުގެ ހާއްސަ ހަރަކާތެއް ފެށުމަށް ކައުންސިލުން ފާސްކޮށްފި

ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި މަދިރި ނައްތާލުމަށްޓަކައި ފޮގް ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ވަގުތުން ފެށުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިކަން ފާސްކޮށްފައިވަނީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.

ޒަހިއްޔާ ހުށަހެޅުއްވީ ހުޅުމާލޭގައި މަދިރި ނައްތާލުމަށްޓަކައި ފޮގްކުރުމުގެ މަސައްކަތް، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ. ޒަހިއްޔާ ވިދާޅުވީ ހުޅުމާލޭގައި މަދިރި ގިނަވަމުންދާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށާއި، އެޗްޑީސީން ކުރިން ކުރި މަސައްކަތްތަކަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވުނު ކަމެއް ނޫން ކަމަށެވެ.

ޒަހިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެޗްޑީސީން ކުރިން ފޮގް ކުރިއިރު އެންމެ މުހިންމު ހިސާބުތަކަށް ފޮގް ކޮށްފައެއް ނުވެއެވެ. "މަދިރި އަކީ ނުރައްކާތެރި ބަލި ފަތުރާ އެއްޗެއް. އަދި ފުރާނައަށް ގެއްލުން ހުރި ބަލިތައް ފަތުރާ އެއްޗެއް. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޑެންގޫގެ 374 ކޭސް ފެނުނުއިރު، މިއަހަރުގެ އެ މުއްދަތުގައި 2183 ކޭސް ވަނީ ރިޕޯޓްކޮށްފައި،" ޒަހިއްޔާ ވިދާޅުވިއެވެ.

އަވައްޓެރި ސްރީލަންކާގައި ޑެންގޫ އިތުރުވުމުގެ ސަބަބުން ރެޑް އެލާޓް ނެރެ، ސިފައިން ނެރެގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޒަހިއްޔާ ވިދާޅުވީ، ރާއްޖޭގެ ހާލަތު އެ މިންވަރަށް ދަންދެން ހިމޭނުން ތިބެގެން ނުވާނެ ކަމަށެވެ. ހާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި އުސް އިމާރާތްތައް ގިނަވުމާއެކު، އެ ތަންތަނުން މަދިރި ނައްތާލެވޭނެ ގޮތަކަށް ފޮގް ކުރުން ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށްވާތީ، މި ހަރަކާތް ހުޅުމާލޭގެ އިތުރުން މާލެ އަދި ވިލިމާލޭގައި ވެސް ކުރިއަށް ގެންދިއުމަށް ޒަހިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.

މި ހުށަހެޅުމާއެކު ކައުންސިލުން ވަނީ މާލެ ސަރަހައްދުގައި މަދިރި މަދުކުރުމުގެ އޮޕަރޭޝަނެއް ފެށުމަށް ނިންމާފައެވެ.