މާލެ ސިޓި ކައުންސިލް

މާލެ ސިޓި ކައުންސިލް 29 ޖުލައި 2026


''ބިޔޯން އަގެއިން'' ޝޯވް ކުއްލިއަކަށް ކެންސަލް ކުރުމުން މޭޔަރ ޢާޒިމް ފާޑުވިދާޅުވެއްޖެ

މާލެ ސިޓީ ވަރަށް ބޮޑަށް އިޝްތިހާރުވެ، ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ވާނެ ކަމަށް ބެލެވުނު ''ބިޔޯން އަގެއިން'' ޝޯވް، އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި ސަރުކާރުން އަންގައިގެން ކުއްލިއަކަށް ކެންސަލް ކުރަން ޖެހުމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ޢާޒިމް ވިދާޅުވީ، ބޭރު ދުނިޔެއަށް ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، މިފަދަ ބޮޑު ހަރަކާތެއް ކުރިން އެންގުމަކާ ނުލައި އަދި އެއްވެސް ސަބަބެއް ނެތި ހުއްޓުވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މޭޔަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ހަރަކާތްތަކަކީ ގައުމުގެ ވިޔަފާރިއާއި އިގްތިސާދަށް ނުހަނު ހެޔޮ އަސަރުކޮށް، އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެ ފުރުސަތުތަކެކެވެ. ނަމަވެސް މި ކަންކަމަށް އެއްގޮތަކަށް ވެސް ވިސްނައިނުލައި، ޣައިރުޒިންމާދާރުކޮށް މިކަން ހުއްޓުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ކަންކަމަކީ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދަށް ނުހަނު ހެޔޮ އަސަރުކޮށް، އިޖުތިމާޢީ ގުޅުން ބަދަހިވެގެންދާނެ ފުރުޞަތަކަށް ވާއިރު، މި ކަންކަމަށް އެއްގޮތަކަށް ވެސް ވިސްނައިނުލައި، މިހައި ޣައިރުޒިންމާދާރުކޮށް މި ކަން ހުއްޓުވުމަކީ، އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްކަމަށް އަޅުގަނޑު ނުދެކެން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި ޝޯވް ކެންސަލް ކުރަން ޖެހުނު ސީދާ ސަބަބެއް ސަރުކާރުގެ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.