މާލެ ސިޓީ ކައުންސިލް

މާލެ ސިޓި ކައުންސިލް 29 ޖުލައި 2026


ބާޒާރުމަތީގައި ޤަވަޢިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ބަޔަކު ހުއްޓުވައިފި

މާލޭގެ ބާޒާރުމަތީގައި ޤަވައިޢިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ބަޔަކު މާލެ ސިޓީ ކައުންސިލުން މިއަދު ހުއްޓުވައިފިއެވެ.

މި މަސައްކަތަކީ ބާޒާރުމަތި ތަރުތީބުކޮށް ބެލެހެއްޓުމަށް އެ ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

މި ހަރަކާތް ހިންގާފައިވަނީ ބާޒާރުމަތީގައި ހުންނަ "އަތޮޅު އުފަންވެލި" ފިހާރަ ކައިރީގައެވެ. އެ ސަރަހައްދުގައި އުސޫލުތަކާ ޚިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރިކުރަމުންދިޔަ ފަރާތްތަކަށް ނަސޭހަތްތެރިވެ، އެކަން ވަނީ ހުއްޓުވާފައެވެ.

މީގެ އިތުރުން، ބާޒާރުމަތި ސާފުކުރުމަށް މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި ވަނީ ނަގައިފައެވެ.އެގޮތުން މިއަދުގެ މަސައްކަތުން އެކަނިވެސް 2.5 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުން ނަގައި ސާފުކޮށްފައެވެ.

ބާޒާރުމަތީގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރަށް ދަތިނުވާނެ ފަދަ ތަނަކަށް ހެދުމަށްޓަކައި، ގަވާއިދާ ޚިލާފަށް މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރުން ހުއްޓުވުމަށް ކައުންސިލުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.