މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 29 ޖުލައި 2026


ގޭގެއިން ކުނި އުކާލަން ސަރުކާރުން ލާރި ނަގާއިރު މާލެ ދަނީ ގޮނޑުވަމުން: ކައުންސިލަރު ފުރުޝާން

ގޭގެއިން ކުނި އުކާލުމުގެ ޚިދުމަތަށް ސަރުކާރުން ބޮޑު ޢާމްދަނީއެއް ނަގަމުންދާއިރު، މާލެ ސިޓީ ގޮނޑުވަމުންދާ މައްސަލައިގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ފުރުޝާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފުރުޝާން މި ފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފުރުޝާން ވިދާޅުވީ، މާލެއާއި އެހެނިހެން ސަރަހައްދުތައް ގޮނޑުވަމުންދާ މިންވަރުން ދެން އުޅެވޭނީ "ގޮޑު މީހުންނަށް" ކަމަށެވެ. އޭނާ މި ފަދައިހެން ވިދާޅުވީ، ގޭގެއާއި އެނޫން ވެސް ތަންތަނުގައި ހުންނަ ބޮޑެތި ކުނި އުކާލުމުގެ ޚިދުމަތް ސިޓީ ކައުންސިލުން ފެށުމާ ގުޅޭގޮތުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ވެމްކޯއަށް ލިބޭ ޢާމްދަނީއަށް އަލިއަޅުއްވާލައްވަމުން ފުރުޝާން ވިދާޅުވީ، ސްޓެލްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި 70،000 އެއްހާ ކަރަންޓް މީޓަރު ހުރި އިރު، ކޮންމެ މީޓަރަކަށް 150 ރުފިޔާގެ މަގުން މަހަކު 10.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން 15،000 ކޮމާޝަލް މީޓަރުން މަހަކު 12 މިލިއަން ރުފިޔާ ލިބޭއިރު، ޖުމްލަ 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ކުނި އުކާލުމުގެ ފީގެ ގޮތުގައި ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާ ބޮޑު ޢާމްދަނީއެއް ލިބޭ ކުންފުންޏަކުން ކީއްވެގެންތޯ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް ނެތީ؟ ނޫނީ ބެކަޕެއް ހެދިފައި ނެތީ؟" ފުރުޝާން ސުވާލު އުފެއްދެވިއެވެ. ތިލަފުށީ ގޮނޑުގައި ރޯވުމުގެ ސަބަބުން ދިމާވި ދަތިތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ވަކިން ހެދި ކުނި ބަހައްޓާ ތަން ވެސް މިހާރު ފުރިފައިވާ ކަމަށާއި، މަގުމަތި ވެސް ކުނިން ފުރެމުންދާތީ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވަމުން ފުރުޝާން ވިދާޅުވީ، ވިއްސާރަޔާއި އަވީގައި ވެސް އެ މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް، އެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ޖަމާކުރަންޖެހޭ ފައިސާ ވެސް ވެމްކޯއިން ޖަމާނުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވާން ޖެހޭ ކަމަށާއި، މި ކަމުގައި މަޑުން ތިބެވެން ނެތް ކަމަށް ވިދާޅުވެ ފުރުޝާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.