މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 30 ޖުލައި 2026


ވިޔަފާރިވެރިންގެ މިސްކިތުގެ މަރާމާތު މަސައްކަތްތައް މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފި

މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުގެ އާބާތުރަފިލުވުމާއި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ކައުންސިލަރުން ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި މިސްކިތުގެ ހާލަތާއި ކުރެވެމުންދާ މަސައްކަތްތަކުގެ ފެންވަރު ވަނީ ބައްލަވާލައްވާފައެވެ.

މިސްކިތުގައި މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައި، މިސްކިތުގެ ގޯތިރޭގައި އަޅައިފައިވާ ގާތައް ތަރުތީބު ކުރުމާއި، މިސްކިތުގެ ގޯތިތެރޭގައިވާ ގަސްތައް ރީތިކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން މިސްކިތުގެ ތެރޭގައި ނެވިލޯން އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަހައްޓަމުންދާ ތަންތަން ކަމަށެވެ. މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް އަވަސްކޮށް، ނަމާދުކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ކައުންސިލްގެ އަމާޒެކެވެ.

މި މަސައްކަތްތައް ބައްލަވައިލެއްވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މީކާއީލް މުޙައްމަދު ރިޔާޟާއި، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާނާއި، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިޟްވާން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ފަރްހާން ޝަފީޢާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފު އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ހަނާ ވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.