ޒުވާނުންނާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ދޭންވާނެ ކަމަށާއި، ޤައުމު ކުރިއެރުވޭނީ ޒުވާނުންގެ ކަންކަން ކުރިއަރުވައިގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ރިޟްވާން ޢަލީ ވިދާޅުވެއްޖެއެވެ.
ރިޟްވާން މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިލްވާން ވިދާޅުވީ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އޭނާ ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ. މި މަޝްވަރާތައް ކުރެވުނީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުޅިވަރު ކުރިއަރުވައި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް "ހުޅަނގު އިވެންޓްސް" ގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ހަރަކާތްތަކާ ގުޅޭގޮތުންނެވެ.
މި ކަމާ ގުޅޭގޮތުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ލަބާން ޝަރީފް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ލަބާން ވިދާޅުވީ މިއީ ކައުންސިލްގެ ފަރާތުން ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށާއި، މިކަމަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދިނުމަށް އޭނާ ވެސް ތާއީދުކުރައްވާ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "ހުޅަނގު އިވެންޓްސް" އިން އެދިފައިވާ ގޮތަށް މާލެ ސިޓީ ކައުންސިލުން ހޯސްޓް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ހަރަކާތްތައް މާލެ ސިޓީ ކައުންސިލްގެ ކުލަބު މެދުވެރިކޮށް އަދި ޒުވާނުންނާ ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް މޭޔަރ ވަނީ ލަފާދެއްވާފައެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
