މާލެ ސިޓީގައި ވިޔަފާރިތަކުން އުފައްދާ ކުނި އުކާލުމުގެ ޚިދުމަތްދޭ އަމިއްލަ ފަރާތްތައް ރެގިއުލޭޓްކޮށް، އެކަން ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ޚާއްސަ އުސޫލެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު ފަރްޙާން ޝަފީޢުއެވެ. ފަރްޙާން ވިދާޅުވީ މާލެ ސިޓީ ތަރައްގީވަމުން އަންނައިރު ވިޔަފާރިތަކުން އުފައްދާ ކުނި އިތުރުވަމުންދާ ކަމަށާއި، ނަމަވެސް މި ޚިދުމަތްދޭ ފަރާތްތައް ރެގިއުލޭޓް ކުރާނެ ހަރުދަނާ އުސޫލެއް ނެތުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ސާފުތާހިރު އަދި ރައްކާތެރި މާލެއެއް ބިނާކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެކުލަވާލުމަށް މަސައްކަތްކުރާ އުސޫލުގެ ދަށުން، ވިޔަފާރި ކުނި އުކާލާ ހުރިހާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. އަދި ކޮންމެ އަހަރަކު އެ ރަޖިސްޓްރީ އާކުރަން ޖެހޭއިރު، ޓްރެފިކަށް ބާރުބޮޑު ނުވާނެހެން ކުނި އުކާލާ ގަޑިތައް ތަރުތީބުކުރުމާއި، ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުން ލާޒިމްވާނެއެވެ.
މީގެ އިތުރުން، ކުނި އުފުލާ އުޅަނދުތަކަކީ ކުނި ނުފޭދޭ ގޮތަށް ބަންދުކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެއެވެ. އުޅަނދުގައި ކުންފުނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ސާފުކޮށް ފެންނަން ހުރުމާއެކު، ރިފްލެކްޓިވް ސޭފްޓީ މެޝާމަންޓްތައް ހަރުކޮށްފައި ހުންނަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ރަޖިސްޓްރީ ސަސްޕެންޑް ކުރުން ނުވަތަ ބާތިލް ކުރުމުގެ ބާރުވެސް ކައުންސިލަށް ލިބިދޭނެއެވެ.
މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ގަވާއިދާ ޚިލާފަށް ކުނި އުކާލާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ސްޓޭންޑަޑެއް އޮންނަން ޖެހޭ ކަމަށެވެ. "މުޅި މަގުމައްޗަށް ކުނިއަޅަމުން ދިޔަތައް ބާލަމުން ކައުންސިލަށް ހުރިހާ ޝަކުވާއެއް މި އަންނަނީ. އެހެންވީމާ އެމީހުން ޒިންމާދާރު ކުރުމުގެ ރޯލު އަޅުގަނޑުމެންގެ އެބައޮތް،" މޭޔަރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށްޓަކައި، އުސޫލު އެކުލަވާލުމުގެ މަސައްކަތް ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރީ، އުސޫލު އެކުލަވާލުމަށްފަހު ކައުންސިލްގެ ކުރިއަށް އޮތް ޖަލްސާއަކަށް އެ މައްސަލަ އަލުން ހުށަހެޅުމަށެވެ.
