މާލެ ސިޓީގައި ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އިންސްޕެކްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާއްމު ޖަލްސާގެ ދެވަނަ ސެޝަންގައެވެ.
މި މައްސަލައަކީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ ހުށަހެޅުއްވި މައްސަލައެކެވެ.
ޝިފާނާ ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގައި ބިދޭސީންނަށް ކާންދޭ ތަންތަނާއި ހޮޓާތައް ވަރަށް ގިނަ ކަމަށާއި، މިކަމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަންތަން އިންސްޕެކްޓް ކުރުމުގެ ބިޔަ ހަރަކާތެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ފުލުހުން އަދި އިމިގްރޭޝަނާ ގުޅިގެން ހިންގުމަށް އޭނާ ހުށަހެޅުއްވިއެވެ.
މި ހަރަކާތުގައި އެޗްޕީއޭގެ ދައުރަކީ ކާބޯތަކެތި ތައްޔާރުކުރުމާއި ޚިދުމަތް ދިނުމުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުކުރޭތޯ ބެލުމެވެ. ފުލުހުންގެ ދައުރަކީ ހަރަކާތް ހިންގުމުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ފުލުހުންގެ މެންޑޭޓުގެ ތެރެއިން ދެވެން އޮތް އެހީތެރިކަން ދިނުމެވެ. އަދި އިމިގްރޭޝަނުން ބަލާނީ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބަޔެއްތޯ ބަލައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމެވެ.
ކައުންސިލަރު ޝިފާނާ އިތުރަށް ވިދާޅުވީ، "މި ހަރަކާތަކީ ނަމަކަށް ކަމެއް ކޮށްލުމުގެ ބަދަލުގައި، މިކަމުގެ މަގްސަދު ހާސިލްވާނެ ފަދަ ގޮތަކަށް ހިންގޭ ހަރަކާތަކަށް ހެދުމަށް" އެދޭ ކަމަށެވެ. މި ހަރަކާތް ހިންގުމަށްޓަކައި މައްސަލަ މިހާރު ވަނީ ޕަބްލިކް ހެލްތް، ސެނިޓޭޝަން އެންޑް ޕްރައިމަރީ ހެލްތް ކެއާ ކޮމިޓީއަށް ފޮނުވާފައެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްވީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިހާރުވެސް މިފަދަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ނަމަވެސް ޝިފާނާ ފާހަގަކުރެއްވި ފަދައިން އިތުރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް މިކަން އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
