މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 އޯގަސްޓް 2026


ލިވިން އެކްސްޕޯއަށް މޭޔަރ ޢާޒިމް ޒިޔާރަތް ކުރައްވައިފި

އިމާރާތްކުރުމާއި ގޭޔަށް ބޭނުންވާ ސާމާނުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި އާންމުން އެއްތަނަކުން ބައްދަލުވެ، މައުލޫމާތު ބަދަލުކުރުމުގެ މަޤްޞަދުގައި ހައި ރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ ލިވިން އެކްސްޕޯއަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ޒިޔާރަތްކުރައްވައިފިއެވެ.

މި އެކްސްޕޯ މިހާރު ކުރިއަށްދަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު މޭޔަރ ޢާޒިމް ވިދާޅުވީ، "ލިވިން އެކްސްޕޯއަކީ ރިއަލްއެސްޓޭޓްގެ ވިޔަފާރީ ފުޅާވުމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދޭ މުހިންމު އިވެންޓެއް" ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގިނަ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބެމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

މި ހިނގާ އޮގަސްޓް މަހުގެ 6 އިން 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި، ޒިޔާރަތްކުރާ ފަރާތްތަކަށް އެކި ސްޓޯލްތަކުން ޚާއްސަ ޑިސްކައުންޓްތަކާއި ޕްރޮމޯޝަންތައް ލިބެން ހުރެއެވެ. މީގެ އިތުރުން، ގެދޮރު އެޅުމާއި ގުޅުންހުރި މުހިންމު މައުލޫމާތުތައް ސްޓޯލްތައް ހިންގާ ފަރާތްތަކުން އާންމުންނަށް ފޯރުކޮށްދެމުންދެއެވެ.

ލިވިން އެކްސްޕޯ މެދުކެނޑުމެއްނެތި ބާއްވާތާ މިއީ 14 ވަނަ އަހަރެވެ. މި އަހަރުގެ އެކްސްޕޯގައިވެސް ބޭންކުތަކާއި، ރިއަލް އެސްޓޭޓް ކުންފުނިތަކުގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ބައިވެރިވެފައިވެއެވެ.