މާލެ ސިޓީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށްފި އެވެ.
މިއީ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ޖުލައި މަހު ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކެވެ.
ކައުންސިލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް 25 މަގެއްގެ 33 ކާނުމަތި ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 10 ސަރަހައްދެއްގައި ރޭންޕު ހެދުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.
މަގުތައް މަރާމާތު ކުރުމުގެ އިތުރުން، މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން 41 މަގެއްގައި ސްޕީޑް ބްރޭކަރުގެ 42 ނިޝާން ކުރަހާފައިވާއިރު، 52 މަގެއްގައި ޒިބްރާ ކްރޮސްގެ 54 ނިޝާން ވަނީ ކުރަހާފައެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަގުތައް ހަދައި މަގުތަކުގައި ނިޝާންތައް ކުރެހުމަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. "މި ކަމަކީ މާލެ ސިޓީ ކައުންސިލުން އަބަދުވެސް ކުރަމުން އަންނަ، އަދި ރައްޔިތުންގެ ސަލާމަތަށްޓަކައި އިސްކަންދޭ ކަންކަން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދުތަކަށް އަމާން ތަނަކަށް ހެދުމަށްޓަކައި މަރާމާތުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.
