މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 10 އޯގަސްޓް 2026


އާސަހަރާގެ ޖާގަ ބޮޑުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތްތައް މޭޔަރ ޢާޒިމް ބައްލަވާލައްވައިފި

މާލޭގެ އާސަހަރާގައި މީހުން ވަޅުލުމަށް އޮތް ޖާގަ ބޮޑުކުރުމަށާއި، އެ ތަން އިތުރަށް ތަރައްޤީކުރުމަށް ކުރެވެން ހުރި ކަންކަން ބެއްލެވުމަށްޓަކައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާސަހަރާއަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި މޭޔަރ ވަނީ އާސަހަރާގެ މިހާރުގެ ހާލަތާއި، މީހުން ވަޅުލުމަށް ބޭނުންކުރާ ސަރަހައްދުގައި ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ. މާލޭގައި މީހުން ވަޅުލާނެ ޖާގަ މަދުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ސިޓީ ކައުންސިލުން އިސްކަންދޭ ކަމެއްކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، އާސަހަރާގެ ޖާގަ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އެތަނުގެ ޚިދުމަތްތައް މިހާރަށްވުރެ ފުރިހަމަކޮށް ތަރައްޤީކުރުމަށް ރޭވުންތަކެއް އެބަހުރި ކަމަށެވެ. މިގޮތުން ސަހަރާގެ އިންތިޒާމުތައް ހަރުދަނާކޮށް، އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދަށުން މިސްކިތާއި ހިނަވާގެ ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

މޭޔަރގެ މި ޒިޔާރަތަކީ މި މަސައްކަތްތައް އަވަސްކޮށް، ޖާގަ އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ކުރެއްވި ޒިޔާރަތެކެވެ.