މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް10 އޯގަސްޓް 2026


މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް ޤަރާރެއް ފާސްކޮށްފި

މާލެ ސިޓީ ވެޓްމާކެޓް ޕްރޮޖެކްޓް ތަރައްޤީކޮށް، ނިންމުމަށްފަހު އަލުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ އެ މަސައްކަތް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.

މި ޤަރާރު ފާސްކޮށްފައިވަނީ ހޯމަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ކުއްލި ޖަލްސާގައެވެ.

މި ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ މި ޤަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައިވެއެވެ. ޤަރާރާ ވޯޓް ދެއްވާފައި ނުވަނީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު ރިޟްވާން ޢަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ އާއި މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ޙުސައިން ފުރުޝާން އާއި މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޙައްވާ ޝިފާނާއެވެ. ޖަލްސާގައި ބައިވެރި ނުވަނީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އަދި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބުއެވެ.

މި ޖަލްސާގައި ޤަރާރު އިއްވަވައިދެއްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުޙައިމިން ނަސީރެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. "އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް،" މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން، ވެޓް މާކެޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، ފާހަގަވި ކަންތައްތަކާ ގުޅިގެން ޑިސެމްބަރު 2025 ގައި އޭސީސީއަށް މައްސަލަ ފޮނުވާފައިވާނެ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މި ޤަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަޙައްދުގައި އޮތް 17,558.54 އަކަ ފޫޓުގެ ބިމުގައެވެ. މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ޤަރާރުގައި ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދަންވާނީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަޙައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލްގެ ޤަރާރުގައި ވަނީ ނިންމާފައެވެ.

ސަރުކާރުން ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން މޭޔަރު ވިދާޅުވީ، މިކަމުގައި މިހާތަނަށް ކައުންސިލުން ނުދޭ އެއްބާރުލުމެއް ނޯންނާނެ ކަމަށެވެ.