މާލޭގެ ލޯކަލް މާރުކޭޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މާރުކޭޓުން ހުސްކުރަންޖެހޭ ގޮޅިތައް ބަދަލުކުރުމަށްޓަކައި ވަގުތީ މާރުކޭޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިޢުލާން ކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފައިވާ ބީލަމުގައި ވާގޮތުން، މި މަސައްކަތަކީ ލޯކަލް މާރުކޭޓް އާބާތުރަ ފިލުވައި ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މުހިންމު ބައެކެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުމަށް ކައުންސިލުން އެދެއެވެ.
ބީލަން ހުށަހެޅުމާއި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގައެވެ. މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
ލޯކަލް މާރުކޭޓަކީ މާލޭގެ ގިނަ ރައްޔިތުންނާއި ވިޔަފާރިވެރިން ބޭނުންކުރާ ތަނަކަށްވުމާއެކު، އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވިޔަފާރިވެރިންނަށް ދަތިނުވާނެހެން ވަގުތީ އިންތިޒާމުތައް ހަމަޖެއްސުމަކީ ކައުންސިލްގެ އަމާޒެކެވެ.
