ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަށް ހަނިވާގޮތަށް، މިއަދު ހެނދުނު ކުރިއަށް ދިޔަ ލާމަރުކަޒީ ކޮމިޓީގެ ހިއަރިން އަޑު އެހުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި ބައެއް ކައުންސިލަރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފި އެވެ.
މި ހިއަރިން އަޑު އެހުމަށް މޭޔަރާއި ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާޙާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމުގެ ގޮތުންނެވެ.
މި ކަމާ ކަންބޮޑުވުން ފާޅުކޮށް މޭޔަރ ޢާޒިމް ވިދާޅުވީ ރައްޔިތުންގެ މަޝްވަރާއާ ނުލައި ރަށްރަށުގެ އިދާރީ ދާއިރާތަކުން ބިން ވަކިކުރުމުގެ ބާރު ސަރުކާރަށް ދިނުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން އަމިއްލަ އިޚްތިޔާރުގައި ހިންގަން އުޅޭ ބޭއިންސާފު އަމަލެއްގެ ގޮތުގައި މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މޭޔަރ ޢާޒިމް ވިދާޅުވީ މިހާރު އޮތް ލާމަރުކަޒީ ނިޒާމަށް ގެންނަ މި ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނަށް އެ ރަށްރަށުގެ ބިންތަކުން ލިބެންވާ އެންމެ ރަނގަޅު މާލީ މަންފާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.
އެގޮތުން، "މާލެ ސިޓީގެ ބިންތަކަށް ހަދާލި ގޮތް ރަށްރަށުގެ ބިންތަކަށްވެސް ހަދާލާފާނެ ކަމުގެ ބިރު އެބައޮތް،" ކަމަށް ވިދާޅުވެ މޭޔަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅު ކުރެއްވުމަށް މޭޔަރ ޢާޒިމް ވަނީ ރަށްރަށުގެ ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.
