މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 12 އޯގަސްޓް 2026


މާލޭ ކާނިވާ ސަރަހައްދުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގައު އަތުރަން ފަށައިފި

މާލޭގެ ކާނިވާ ސަރަހައްދުގައި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އާންމުންނަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އެ ސަރަހައްދުގައި ގައު އަތުރާ މަރާމާތުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކާނިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ތަނަކަށް ވީއިރު، ކުޑަ ވާރޭކޮޅަކުންވެސް އެ ސަރަހައްދުގައި ފެންހެދި ހިނގާބިނގާވެ އުޅުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން ކާނިވާ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް، ފެންބޮޑުވާ ސަރަހައްދުތަކުގައި ގައު އަތުރައިގެން ރަނގަޅު ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމުމުން، ވާރޭވެހުމުގެ ސަބަބުން އެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓްތަކަށާއި، އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް ކުރިމަތިވާ ތަކްލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.

މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް މަރާމާތުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކާނިވާ ސަރަހައްދުގެ މި މަރާމާތަކީވެސް މާލޭގެ މާހައުލު ރައްޔިތުންނަށް ފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.