ރަށްރަށުގެ ބިންތައް ސަރުކާރުން ބޭނުން ކޮންމެ ވަގުތަކު ސަރުކާރަށް ނެގޭގޮތަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ދެކޮޅަށް، އެހެން ކައުންސިލްތަކާ، އަދި އެހެން ސިޔާސީ ޕާޓީތަކާ ވެސް ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އިހްތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ބުދަ ދުވަހު ކުރިއަށްދިޔަ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި މައްސަލަ ފާސްވީ އެވަގުތު ޖަލްސާގައި ތިއްބެވި 16 ކައުންސިލަރުންގެ ތެރެއިން 15 ކައުންސިލަރަކު ވޯޓު ދެއްވައިގެންނެވެ. މި ބިލަށް ވޯޓު ދެއްވާފައި ނުވަނީ ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަޙުމަދު ސަނީޙް ޙަނީފް އެވެ.
މި މައްސަލަ ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.
މައްސަލަ ހުށަހަޅުއްވަމުން ޒަހިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ އެއްވެސް ބަހެއް ނެތި، ވަޒީރުންނަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުމެއް ކަމަށެވެ. އަދި އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކުރަން އުޅޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަހިއްޔާ އިތުރަށް ވިދާޅުވީ، ފަހަރަކު ބާރެއް އަތުލަމުން ގޮސް ކައުންސިލްތަކަށް ލިބިފައިވާ ހުރިހާ ބާރެއް ސަރުކާރުން އަތުލާނެ ކަމަށެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލް އިސްވެ އޮވެ، ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އިހްތިޖާޖު ކުރުމުގެ ހަރަކާތެއް ހިންގަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ޗެމްޕިއަން ކަމަށާއި، ހުރިހާ ޕާޓީތަކާވެސް ގުޅިގެން މިކަން ކުރަން ބޭނުންވާ ކަމަށެވެ. އަދި އެއްވެސް ޕާޓީއަކުން މިކަން މިހެންވާން ބޭނުންނުވާނެ ކަމަށާއި، ހުރިހާ ކައުންސިލްތަކުގައި ތިބި ހުރިހާ ޕާޓީތަކަކަށް ނިސްބަތްވާ މެމްބަރުންވެސް މިކަމުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.