މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް12 އޯގަސްޓް 2026


މިސްކިތްތަކުގެ އޭސީ ޚަރަދު ކުޑަކުރުމަށް "ސްމާޓް ޕަވަރ ސިސްޓަމެއް" ޤާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މާލޭގެ މިސްކިތްތަކުގައި ބޭނުންކުރާ އެއަރކޮންޑިޝަން (އޭސީ) ތަކަކީ ސިޓީ ކައުންސިލްގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ހިނގާ އެއް ކަންތައް ކަމަށްވާތީ، އެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން "ސްމާޓް ޕަވަރ ސިސްޓަމެއް" ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމަށް މަޝްވަރާ ކުރީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމް ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އިސްމާއީލް ހަލީމް ވިދާޅުވީ، މިސްކިތްތަކުގައި މީހުން ނޫޅޭ ވަގުތުތަކުގައި ވެސް އޭސީ ޖައްސާފައި ހުންނާތީ އާންމުންގެ ފާޑުކިއުންތަކާއި ހަޖޫޖެހުމުގެ ވާހަކަތައް އަމާޒުވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ވިސްނާލިއިރު، މާކެޓްގައި މޯޝަން ސެންސަރު ހުރި ސިސްޓަމްތައް ލިބެން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އިސްމާއީލް ހަލީމް އިތުރަށް ވިދާޅުވީ، ފިނިހޫނުމިން ދެނެގަނެގެންނާއި، މީހުން ހަރަކާތެރިނުވާނަމަ ނުވަތަ ވަކި ޓައިމަރެއް ސެޓްކޮށްގެން އޭސީ ނިއްވާލެވޭނެ ގޮތްތައް ހުރި ކަމަށެވެ.

މީގެ އިތުރުން ނަމާދު ވަގުތުގެ ބައިގަޑިއިރު ކުރިން އޮޓޯއިން އޭސީ ޖެހޭގޮތަށް އަދި ނަމާދު ނިމޭތާ ބައިގަޑިއިރު ފަހުން އޮޓޮމެޓިކުން ނިވޭގޮތް ހެދުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުންނާ މަޝްވަރާކޮށްލުމުން، އެފަދަ ސުވިޗެއް ހަރުކުރުމަކީ ގާތްގަނޑަކަށް 250 ވަރަކަށް ރުފިޔާއަށް ލިބޭ، މާ ބޮޑު ހަރަދެއް ދާނެ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މުޅި މާލެ ސިޓީ ކައުންސިލްގެ ހުރިހާ އިމާރާތްތަކާއި ކައުންސިލުން ބަލަހައްޓަމުންދާ އިމާރާތްތައްވެސް މިގޮތަށް ބަދަލުކުރުމަށް ވިސްނަވާ ކަމަށެވެ.