މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 12 އޯގަސްޓް 2026


ކުނި ޖަމާވާ ސަރަހައްދުތަކުގައި ކެމެރާ ހަރުކުރުމުން ޤަވާއިދާ ހިލާފަށް ކުނި އުކާ މީހުން ހޯދޭނެ: އިރާޝާ

މާލެ ސިޓީގައި ޤަވާއިދާ ހިލާފަށް ކުނި ޖަމާވާ ސަރަހައްދުތަކުގައި ކެމެރާ ހަރުކުރުމުން، ގަވާއިދާ ހިލާފަށް ކުނި އުކާ މީހުން ހޯދިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު އާމިނަތު އިރާޝާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިރާޝާ މިހެން ވިދާޅުވީ ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އިރާޝާ ވިދާޅުވީ ޤަވާއިދާ ހިލާފަށް ކުނި އުކާ ސަރަހައްދުތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މައިޒާންތައް ފަދަ އާންމު ތަންތަނުގައި ކެމެރާ ހަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

" ޤަވާއިދާ ހިލާފަށް ކުނި އުކާ މީހުން އޭރުން ހޯދިގެން ދާނެ. މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓޭނެ. ޕާކްތަކާއި އާންމު މައިޒާންތަކުން އަމާންކަން ވެސް ހަމަގައިވެސް ލިބިގެންދާނެ. އަޅުގަނޑުމެން މިއުޅެނީ ޤަވާއިދާ ހިލާފަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރާކަށެއްނޫން. އަސްލު މާލެ ތެރެ ސާފުކޮށް ބެހެއްޓުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް،" އިރާޝާ ވިދާޅުވިއެވެ.

އިރާޝާ ވިދާޅުވީ ފަހަކަށް އައިސް މިސްކިތްތަކާއި ޕާކްތަކުގައި ހުންނަ އެއްޗެއްސަށްވެސް ގެއްލުން ދެމުންދާ ކަމަށެވެ. އަދި އެފަދަ ތަންތަނުގައި ކެމެރާ ބަހައްޓައިފިނަމަ އެކަންކަމަށް ފިޔަވަޅު ނެގިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒީމް ވިދާޅުވީ، ކެމެރާ ހަރުކުރުމުގެ މި ޕްރޮޖެކްޓަކީ މިހާރުވެސް ހިނގަމުންދާ ކަމެއް ކަމަށެވެ.