ފުރާމާލޭގައި އާންމުން ދިރިއުޅެމުންދާ ރެސިޑެންޝަލް ބްލޮކްތަކުގައި ވިޔަފާރި އުސޫލުން ގޭގޭގައި މަސްކެއްކުމާއި، ރިހާކުރު ހެދުމާއި، މުގުރި މިރުހާއި ޕައުޑަރު ހަވާދު ހެދުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ރައްކާތެރި ޒޯނެއް ކަނޑައަޅައި، އެފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމާ މެދު މާލެ ސިޓީ ކައުންސިލުން ދިރާސާ ކުރަން ފަށައިފިއެވެ.
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިސްމާއީލް ހަލީމް ވިދާޅުވީ، ގަލޮޅުގެ ބައެއް ގޭގޭގައި ޒަމާނުއްސުރެ މަސްކައްކައި ރިހާކުރު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ކުރަނީ ދެވަނަ ޖެނެރޭޝަންގެ މީހުން ކަމަށާއި، ސަރަހައްދު ތަރައްގީވެ، ބޮޑެތި އިމާރާތްތައް ހެދެމުންދާއިރު އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަނި ގޯޅިތަކުގެ ތެރޭގައި ދަރު އަންދައިގެންނާއި ދުން އަރުވައިގެން މިފަދަ މަސައްކަތްތައް ކުރުމަކީ މިއަދުގެ މުޖުތަމައުގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްމާއީލް ހަލީމް އިތުރަށް ވިދާޅުވީ، އެ މަސައްކަތް ކުރާ ފަރާތްތަކުންވެސް ކައުންސިލުގައި އެދެމުންދަނީ އެހެން ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. މިއީ އާއިލީ ތަރިކައެއްގެ ގޮތުގައި ކުރަމުން އަންނަ މަސައްކަތަކަށްވެފައި، އިގްތިސާދަށް އުފެއްދުންތެރިކަމެއް ނެރެދޭ ބަޔަކު ނައްތާލުމުގެ ބަދަލުގައި، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެ ފަރާތްތަކަށް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި އިންޑަސްޓްރިއަލް ޒޯންތަކެއް ހެދިފައިވާ ކަމަށެވެ. ނަމަވެސް މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރުކާރުން ނަގާފައިވާ ކަމަށާއި، ވިލިމާލޭގައި އޮތް ތަން ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރާތީ އެތަނުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މީގެއިތުރުން ތިލަފުއްޓަކީވެސް މިފަދަ މަސައްކަތްތަކަށް ހާއްސަ ތަނެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލާ ބިންތައް ހަވާލުކުރެވިގެން މާ ރަނގަޅަށް ކަންކަން ކުރިއަށްދާނެ ކަމަށާއި، އެ ބިންތައް ކައުންސިލާ ހަވާލުކުރުން މުހިންމު ކަމަށެވެ.
މުޅި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ދިރާސާކުރުމަށް މިއަދު ގެ ޖަލްސާގައި ވަނީ މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން ކޮމިޓީއަށް ވަނީ ފޮނުވާލާފައެވެ.
