އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހުއްޓުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.
ޒަހިއްޔާ ހުށަހެޅުއްވި މައްސަލައިގައިވަނީ އާންމުތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކާ މެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް އެދިވަޑައިގެންފައެވެ.
މައްސަލަ ހުށަހަޅުއްވަމުން ޒަހިއްޔާ ވިދާޅުވީ މާލެ ސިޓީގައި އާންމުން އެއްވާ އެކި ތަންތަނާއި ޚާއްސަކޮށް ޕާކްތަކަށް ކުޑަކުދިން ގޮވައިގެން މައިންބަފައިން ހިތްފަސޭހަކޮށްލަން ގޮސް އުޅޭއިރު، ކައިރީގައި ތިބޭ މީހުންގެ ފަރާތުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ އުނދަގޫ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އަދި މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް، ސިއްހީގޮތުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާނެ ފަދަ ކަމެއްކަންވެސް ޒަހިއްޔާ ފާހަގަކުރެއްވިއެވެ.
