މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 12 އޯގަސްޓް 2026


ވެމްކޯއިން މަސައްކަތް ކުރަނީ ކައުންސިލަށް ގެއްލުން ދިނުމަށް: މޭޔަރ ޢާޒިމް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލަށް ގެއްލުން ދިނުމުގެ ނިޔަތުގައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސެއިން ފުރުޝާން ހުށައެޅުއްވި މައްސަލައަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މޭޔަރު ވަނީ ވެމްކޯގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މޭޔަރު ވިދާޅުވީ، މާލެ ސިޓީ ސަރަހައްދުގައިވާ މިސްކިތްތަކުން ކުނި ނެގުމަކީ ވެސް ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، އެ ކުންފުނިން ނަގަން ޖެހޭ ކުންޏެއްގެ ސަބަބުން ކައުންސިލްގެ އަތުން އިތުރު ފައިސާ ނެގުމަކީ ބޭއިންސާފުން ކުރަމުންދާ ކަމެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވިއެވެ.

މީގެއިތުރުން، ވެމްކޯއާ އެކު މަސައްކަތް ކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން މީގެ ކުރިން ދެ ފަރާތުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ވެވުނު އެއްބަސްވުންތަކާ އެއްގޮތަށް ވެމްކޯއިން އަމަލު ކުރަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސިޓީގެ މަގުތަކާއި ސަރަހައްދުތައް ގޮނޑުވެ، ހަޑިވަމުންދާ މައިގަނޑު ސަބަބަކީ ވެމްކޯގެ އިހުމާލު ކަމަށް ތުހުމަތު ކުރައްވަމުން މޭޔަރު ޢާޒިމް ވިދާޅުވީ، އެ ކޯޕަރޭޝަނުން ގަސްދުގައި ސިޓީ ކައުންސިލަށް ދަތިކޮށް ގެއްލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.