މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 12 އޯގަސްޓް 2026


ޕްލާސްޓިކް ކަލެކްޓް ކުރުމަށް ޖަމިއްޔާތަކާއެކު މަސައްކަތް ކުރުމަށާއި ހާއްސަ ޑަސްބިންތަކެއް ބަހައްޓަން ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލުގެ ވޭސްޓް މެނޭޖްމަންޓް ކޮމިޓީ އާއި ވޭސްޓް މެނޭޖްމަންޓް ސެކްޝަން ގުޅިގެން، ޖަމިއްޔާ ޖަމާއަތްތަކާއެކު މާލެ ސިޓީގެ ކުނި މެނޭޖްކުރުމުގައި، ހާއްސަކޮށް ޕްލާސްޓިކް ކަލެކްޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމައިފިއެވެ.

މިކަން ކުރުމަށް ކައުންސިލުން ނިންމާފައިވަނީ ބުދަ ދުވަހު ކުރިއަށްދިޔަ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.

ޒަހިއްޔާ ވިދާޅުވީ، މިއީ ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އެކި ފަރާތްތަކާ ބައްދަލުކުރެއްވުމުން އެފަރާތްތަކުން ދެއްވި ލަފައެއް ކަމަށެވެ. އަދި މިހާރު ބަހައްޓާފައި ހުންނަ ޑަސްބިންތަކަކީ ހުރިހާ ބާވަތެއްގެ ތަކެތި އެޅޭ ޑަސްބިންތަކަކަށްވުމުން، އެ ޑަސްބިންތަކުގެ ބޭނުން ނޭދެވޭ ގޮތުގައި ބޭނުންކުރަމުންދާކަން އެ ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޒަހިއްޔާ ފާހަގަކުރެއްވީ، މިފަދަ ޑަސްބިންތައް ބަހައްޓަންޖެހޭ ގިނަ ސަރަހައްދުތަކެއް ހުރި ކަމަށެވެ. ޚާއްސަކޮށް ފޭސް 1 އާއި ފޭސް 2 ގުޅުވާލާ ބުރިޖު ސަރަހައްދުގައި އޮންނަ މޫދަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އުކާލާކަން ފާހަގަކުރެވޭތީ، އެ ސަރަހައްދުގެ ފޭސް 1 އާއި ފޭސް 2 އާ ވީ ފަޅީގައިވެސް މިފަދަ ގިނަ އަދަދެއްގެ ޑަސްބިންތައް ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެކި ސަރަހައްދުތަކުގައި ޕްލާސްޓިކް ފުޅިއާއި އެނާޖީ ޑްރިންކް ދަޅު އުކާލުމަށް ހާއްސަ ޑަސްބިން ބެހެއްޓުމަކީ ކުނި މަދުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މިފަދަ ހާއްސަ ޑަސްބިންތައް އާންމު ސަރަހައްދުތަކުގައި ބެހެއްޓުމުން މަގުތަކަށާއި ގުދުރަތީ މާހައުލަށް ކުނި އަޅާ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވޭނެއެވެ. އަދި އާންމުންނަށް ފަސޭހައިން ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މަގުމައްޗަށާއި އަތިރިމައްޗަށް މިފަދަ ޒާތުގެ ކުނި އުކާލުމުގެ އާދަ ނައްތާލުމަށް މަގުފަހިވާނެ ކަމެކެވެ.

މިފަދަ ނިޒާމެއް ގާއިމުކުރުމުން މަގުތަކާއި، ޕާކްތަކާއި، ބަސް ހުއްޓިތަކުގެ އިތުރުން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ސާފުތާހިރު މާހައުލެއް ބެލެހެއްޓުމަކީ މަދިރި އާލާވުން މަދުކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެކެވެ.

މީގެއިތުރުން، އާންމު ސަރަހައްދުތަކުގައި ވަކި ބާވަތްތަކަކަށް ހާއްސަކުރެވިފައިވާ ޑަސްބިންތައް ބެހެއްޓުމަކީ ތިމާވެށްޓަށް އާންމުން ހޭލުންތެރިކުރުވައި، ޒިންމާދާރުގޮތެއްގައި ކުނި އުކާލުމުގެ އާދަ އަށަގަންނުވައިދޭނެ ކަމެކެވެ.