ވިލިމާލޭގެ މަގުތަކުގެ ކާނު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، 2026 ޖަނަވަރީ މަހުން ފެށިގެން ހުސްވި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 5،369 ކާނު ސާފުކޮށްފިއެވެ.
ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ވިލިމާލޭގެ މަގުތަކުގެ ކާނުތަކުގެ ތެރެއިން ހަލާކުވެފައިވާ 36 ކާނުގެ މަތިގަނޑު ވަނީ ބަދަލުކުރެވިފައެވެ. އަދި ހަލާކުވެފައިވާ 38 ކާނެއް މަރާމާތުކޮށްފައިވާއިރު، ވިލިމާލޭގެ ޖުމްލަ 9 މަގެއް ވެސް ވަނީ މި މުއްދަތުގެ ތެރޭގައި ވަނީ ނިންމާފައެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ މާލެއެކޭ އެއްފަދައިން ވިލިމާލޭގައިވެސް މަގުތައް ބަލަހައްޓައި ސާފުކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. މާލެ ސިޓީއަކީ އަބަދުވެސް ސާފުތާހިރު ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ނުހުއްޓި ކުރިއަށް ކުރަމުންނެވެ.
މާލެ ސިޓީގެ ކޮންމެ މަގަކީވެސް އާންމުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުގެ ބޮޑު އަމާޒެކެވެ. މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ ކާނުތައް ފުރި ބާރުވުމުގެ ސަބަބުން ދިމާވާ ކަމެއްކަމަށްވާތީ، ކާނުތައް ސާފުކޮށް މަރާމާތުކުރުމުގެ މަސައްކަތަށް ކައުންސިލުން ބޮޑު އިސްކަމެއް ދެއެވެ.