މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 13 އޯގަސްޓް 2026


ޔޫޓިލިޓީގެ ހިދުމަތްތަކުން ޗާޖުކުރާ އަގުތައް ރިވައިސްކޮށްދޭން އެދި ސިޓީއެއް ފޮނުވަން ކައުންސިލުން ނިންމައިފި

މާލެ ސިޓީގައި ޔޫޓިލިޓީގެ ހިދުމަތްތައް ދޭ ކުންފުނިތަކުން މިހާރު ޗާޖު ކުރަމުންދާ އަގުތައް އިތުރަށް ރިވައިސް ކޮށްދިނުމަށް އެދި ޔޫޓިލިޓީ އޮތޯރިޓީއަށް ސިޓީއެއް ފޮނުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމެވީ ބުދަ ދުވަހު ކުރިއަށް ދިޔަ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ ޖަލްސާގައެވެ. މި މައްސަލައަކީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސެއިން ފުރުޝާން ހުށަހެޅުއްވި މައްސަލައެކެވެ.

މި ހުށަހެޅުން ފާސްވީ 16 ކައުންސިލަރުންގެ ވޯޓާއެކުގައެވެ. މި ހުށަހެޅުމަށް ވޯޓު ނުދެއްވަނީ ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު އެކަންޏެވެ.

މެންބަރު ފުރުޝާން ހުށަހެޅުއްވި މައްސަލައިގައިވަނީ މާލެ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ފެން، ކަރަންޓް، ކުނި އަދި ގޭސް ފޯރުކޮށްދިނުމުގައި، ކުންފުނިތަކުން މިހާރު ނަގަމުންދާ އަގުތައް ހެޔޮކޮށްދިނުމަށެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ފުރުޝާން ވިދާޅުވީ ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ އަދި މޯލްޑިވް ގޭސް އަކީ ރާއްޖޭގައި ޓެކްސް ނެގުމުގެ ކުރިން ރައްޔިތުންނަށް ހިދުމަތް ދިނުމަށް އުފެއްދި ކުންފުނިތަކެއް ކަމަށެވެ. އަދި އޭރު ދައުލަތަށް އާންމު އާމްދަނީއެއް ނުލިބޭ ކަމަށާއި، ޓެކްސްއެއްވެސް ނުނަގާ ކަމަށް ފުރުޝާން ވިދާޅުވިއެވެ. އޭރު އާންމު ރައްޔިތުން ދައްކަން ޖެހެނީ އިމްޕޯޓް ޑިއުޓީ އެކަނި ކަމަށާއި، ފީތައް އޭރު ބޮޑުވެގެން ދިޔައީ އެ ސަބަބާ ހުރެ ކަމަށްވެސް ފުރުޝާން ފާހަގަކުރެއްވިއެވެ.