ވިލިމާލޭގެ ސިނާޢީ ސަރަޙައްދުން ވިލިމާލޭގެ ރައްޔިތުންނަށް ބިންތައް ދޫކުރުމަށް ހުރިހާ މަރުޙަލާއެއް މާލެ ސިޓީ ކައުންސިލުން ކަޑައްތުކުރާނެ ކަމަށް މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ ވިދާޅުވެއްޖެއެވެ.
ނަހުލާ މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނިފައިވާ ފަދައިން ވިލިމާލޭގެ ސިނާޢީ ސަރަޙައްދުން ވިލިމާލޭގެ ރައްޔިތުންނަށް ބިން ދޫކުރުމަށް ކައުންސިލުން އިޢުލާނު ކުރުމާއި އެކު ޕްލޭނިންގް މިނިސްޓްރީއިން އެކަން ހުއްޓުވުމާއި ގުޅިގެން ދެއްވި ބަޔާނެއްގައެވެ.
ނަހުލާ ވިދާޅުވީ ވިލިމާލެ އާއި މާލޭގެ ރައްޔިތުންނަށް ޚާއްސަ ކުރެވިގެން ޖުމްލަ 13 ބިން ވިލިމާލޭގެ ސިނާޢީ ސަރަޙައްދުން ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނާއި ގުޅިގެން ޕްލޭނިންގް މިނިސްޓްރީއިން އެކަން ހުއްޓުވަން ކުރައްވާ މަސައްކަތާއި މެދު ހިތާމަ ކުރައްވާ ކަމަށެވެ.
”ވިލިމާލެ ރައްޔިތުންނަށް ޚާއްސަ ކުރެވިގެން 6 ބިމެއް އަދި މާލެ ސިޓީއަށް 7 ބިމެއް ޖުމްލަ 13 ބިން ވިލިމާލޭގެ ސިނާޢީ ސަރަޙައްދުން ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނާއި ގުޅިގެން ޕްލޭނިންގް މިނިސްޓްރީއިން އެކަން ހުއްޓުވަން ކުރައްވާ މަސައްކަތާއި މެދު ހިތާމަ ކުރަން.“
މާލެ ސިޓީ ކައުންސިލުން 30 ނޮވެމްބަރު 2021 ގައި ލޭންޑް ޔޫސް ޕްލޭން ފާސް ކުރަން ޕްލޭނިންގް މިނިސްޓްރީއަށް ފޮނުވާފައި ވާކަން ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވީ ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭން ވަނީ ފާސްވެފައި ކަމަށެވެ.
މީގެ އިތުރުން ނަހުލާ ވަނީ ވިލިމާލޭގެ ސިނާޢީ ސަރަޙައްދުން ބިން ދޫކުރުން ޕްލޭނިންގް މިނިސްޓްރީއިން ހުއްޓުވީ ސަރުކާރުގެ ބައެއް ފަރާތްތަކާއި ރައްޔިތުންގެ މަޖިލިސް ބައެއް މެމްބަރުންގެ މަސްލަޙަތު ހިމާޔަތް ކުރަން ކަމަށް ތުހުމަތު ކުރައްވާފައެވެ.
”ވިލިމާލޭގެ ސިނާޢީ ސަރަޙައްދުން ބިންތައް ނަގާ 31 ޑިސެމްބަރުގެ ނިޔަލަށް ވަގުތު ދެއްވުމުންވެސް ފައިސާ ނުދައްކާ ތިއްބެވި މީހުންގެ ތެރޭގައި މި ސަރުކާރުގެ ސިޔާސީ ބޭފުޅުންނާއި ބައެއް މަޖިލިސް މެމްބަރުން ހިމެނޭ. އެބޭފުޅުންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް އެ ބޭފުޅުންގެ ދިފާއުގައި ވިލިމާލޭގެ ރައްޔިތުން އަދި މާލެ އިންވެސް ސިނާޢީ މަސައްކަތަށް ބިން ބޭނުންވާ ނިކަމެތި ރައްޔިތުންނަށް ފުރުޞަތު ގެއްލުވާލަން ޕްލޭނިންގް މިނިސްޓްރީއިން ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ ސައިޓް ބަދަލު ވަނީ ކަމަށް ބުނެ ސިޓީ ކައުންސިލަށް ޖެއްސުންކުރަނީ“
ނަހުލާ ވިދާޅުވީ ތިލަމާލެ ބްރިޖް މަސައްކަތްކުރާ ސައިޓް ބަދަލުވި ކަމަށް މިނިސްޓްރީއިން ސިޓީ އައީ ކައުންސިލުން ވިލިމާލެއިން ބިން ދޫކުރަން އިޢުލާން ކުރުމުން ކަމަށެވެ.
”ސައިޓް ބަދަލުވި ކަމަށް މިނިސްޓްރީއިން ސިޓީ އައީ ކައުންސިލުން ވިލިމާލެއިން ބިން ދޫކުރަން އިޢުލާން ކުރުމުން ހަމަ އެދުވަހު.މިވަގުތު ސަރުކާރު ނިސްބަތްވާ ބައެއް ސިޔާސީ ބޭފުޅުން އަދި މަޖިލިސް މެމްބަރުންގެ މަސްލަޙަތު ޙިމާޔަތް ކުރުމަށް ރައްޔިތުންނަށް ބިކަ ގޮތް ހަދަނީ ޕްލޭނިންގް މިނިސްޓްރީއިން“
ނަހުލާ ވަނީ ވިލިމާލެ ސިނާޢީ ސަރަޙައްދުން ނިކަމެތި ވިލިމާލެ ރައްޔިތުންނަށް އަދި މާލެ ރައްޔިތުންނަށް ފުރުޞަތު ހޯދައިދިނުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ސިޓީ ކައުންސިލުން ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.އަދި އެކަމަށްވިލިމާލެ ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން ތާއީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖް މަޝްރޫޢު އަށް ސިޓީ ކައުންސިލާއި މޭޔަރު މުޢިއްޒު ހުރަސް އަޅުއްވާ ކަމަށް ޕްލޭނިންގް މިނިސްޓްރީއިން ކުރި ތުހުމަތު ތަކާއި ގުޅިގެން ނަހުލާ ވިދާޅުވީ ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލަކީ ޤައުމު ބިނާ ކުރަން މަސައްކަތްކުރާނެ ކައުންސިލެއް ކަމަށާއި، މިދިޔަ ސަރުކާރުގައި ބްރިޖް އެޅި އިރު ހައުސިންގް މިނިސްޓަރަކީ މިއަދު މާލެ ސިޓީގެ މޭޔަރު ކަމާއި،މި ކައުންސިލުން ތަރައްޤީއަށް ހުރަސް ނާޅާނެ ކަމަށެވެ.
ނަހުލާ އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ވަރުބަލިވެގެން މަސައްކަތް ހުއްޓާނުލާނެ ކަމަށާއި،ރައްޔިތުންނަށް ބިންތައް ދޫކުރުމަށް ހުރިހާ މަރުޙަލާއެއް ކަޑައްތުކުރާނެ ކަމަށެވެ.
-1646805674074.webp)