ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަޢުޡަމް (ބޮޑުތަކުރުފާނު) ދެއްކެވި ހިތްވަރާއި ވެވަޑައިގެންނެވި ބޮޑު ގުރުބާނީން މިއަދުގެ ޒުވާނުން ހާއްސަ އިބުރަތްތަކެއް ހާސިލްކުރަންޖެހޭ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މޭޔަރ މީކާއީލް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ޑެޕިއުޓީ މޭޔަރ މީކާއީލް ފާހަގަކުރެއްވި ގޮތުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުގެ މިނިވަންކަމަށްޓަކައި ކާބަފައިން ވެވަޑައިގެންނެވި ގުރުބާނީގެ ހަނދާން އާކޮށް، އެއިން އިބުރަތް ލިބިގަތުމެވެ.
ޑެޕިއުޓީ މޭޔަރގެ ވީޑިއޯ މެސެޖުގައި އިތުރަށް ވިދާޅުވީ، "މިއަދު އަޅުގަނޑުމެންގެ ޤައުމު ބިނާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަން ތިބީ ތިޔަ ޒުވާނުން. ތައުލީމާއި، އީޖާދީ އާ ހިޔާލުތަކާއެކު މާލެ ސިޓީއާއި މުޅި ރާއްޖެ ކުރިއަރުވައި، އެކުވެރިކަމާއެކު ކުރިއަށްދިއުމަށް މިއަދު އަޒުމް ކަނޑައަޅަމާ،" އެވެ.
ޤައުމުގެ ތަރައްޤީއަށާއި މާލެ ސިޓީގެ ކުރިއެރުމަށް ޒުވާނުންގެ ބައިވެރިވުން ނުހަނު ބޭނުންތެރިކަން ފާހަގަކުރައްވަމުން، އެކުވެރިކަމާއެކު ޤައުމު ބިނާކުރުމަށް ސާބިތުވެ ތިބުމަށް ޑެޕިއުޓީ މޭޔަރ މީކާއީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
