މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 17 އޯގަސްޓް 2026


ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ހަލާކުވެފައިވާ ކާނުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ހަލާކުވެފައިވާ ކާނުތައް މަރާމާތުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ވިލިމާލޭ މާލެ ހިނގުމުގައި ހަލާކުވެފައިވާ ކާނުތައް މަރާމާތުކުރުމުގެ އިތުރުން، ކަޅުތުއްކަލާ މަގު ސަލާމް މިސްކިތް ކުރިމަތީގައި ހަލާކުވެފައިވާ ކާނުތައް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއެކޭ އެއްފަދައިން ވިލިމާލޭގެ މަގުތަކުގައިވާ ހަލާކުވެފައިވާ ކާނުތައް މަރާމާތުކޮށް ރަނގަޅު ކުރުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން އަބަދުވެސް އިސްކަންދީގެން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި އަމާޒަކީ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި ލުއިފަސޭހަ އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުން ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމުގެ މައިގަނޑު ސަބަބަކީ ކާނުތައް ފުރި ބާރުވުމާއި ހަލާކުވެފައި ހުރުމެވެ. މީގެއިތުރުން، ކާނުތަކުގައި ކުނި ގިނަވެ ތާށިވުމުގެ ސަބަބުން، ވާރޭ ވެހޭ ކޮންމެ ފަހަރަކު ކާނުތަކުން ކުނި ބޭރުވެ، މަގުމައްޗަށް އެކި ކަހަލަ ނަޖިހާއި ނުސާފު ފެން ފެތުރުމުގެ މައްސަލަ ދިމާވެއެވެ. މިއީ ސިއްޙީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް އާންމުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެކެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ފަށާފައިވާ މި މަރާމާތުގެ މަސައްކަތްތަކުގެ ސަބަބުން، ވިލިމާލޭގެ މަގުތަކުގައި ފެންބޮޑުވާ މިންވަރު ކުޑަކުރެވި، ވިއްސާރަ މޫސުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.