މާލޭގެ އިރުމަތީ ފަރާތުގައި ހުންނަ ކިންގް ސަލްމާން މިސްކިތުގެ ބިއްދޮށް ފަރާތާއި ކާނިވާ ސަރަހައްދުން ނަގާފައިވާ ކުނިތައް ވަކިކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަނުން ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން، މިދިޔަ ހަފުތާ ބަންދު ތެރޭގައި އެ ސަރަހައްދުތަކުން ނެގި ގިނަ އަދަދެއްގެ ދަގަނޑާއި، ލަކުޑި އަދި ޕްލާސްޓިކްގެ ބާވަތްތައް ވަނީ ކާމިޔާބުކަމާއެކު ވަކިކޮށްފައެވެ. ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އެ ސަރަހައްދުތަކަކީ އާންމުންނަށް ހިތްފަސޭހަ އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މި މަސައްކަތްތަކަށް ބޮޑެތި ޚަރަދުތަކެއް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން، މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށްޓަކައި، އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކެއް ހިންގައިގެން ކުނި އުފެދޭ މިންވަރު އިތުރަށް މަދުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެއިތުރުން، މާލެ އާއި ވިލިމާލެއިން ކުނި ނެގުމުގެ އިތުރުން ރައްޔިތުންނަށް ދިރިއުޅުމުގައި ލުއިފަސޭހަވާނެ ފަދަ އެތައް މަސައްކަތްތަކެއް ކައުންސިލުން މެދުނުކެނޑި ކުރަމުން އަންނަކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ވިއްސާރަ މޫސުމުގައި ފެންބޮޑުވުން ހުއްޓުވުމަށާއި ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، މާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.