މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް17 އޯގަސްޓް 2026


މާލެ ސިޓީ ކައުންސިލާއި ދިއްގަރު ކައުންސިލް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

މާލެ ސިޓީ ކައުންސިލާއި މުލަކަތޮޅު ދިއްގަރު ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތުގެ ދެމެދުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލް ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން ދެ ކައުންސިލްގެ ދެ މެދުގައި އެއްބަސްވުމެއް ހެދުމަށް ވެސް މަޝްވަރާކުރެވުނެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން މާލެ ސިޓީ ކައުންސިލުން ތަފާތު ޓެކްނިކަލް އެހީ ފޯރު ކޮށްދިނުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވަނީ ދިއްގަރު ކައުންސިލްގެ މެމްބަރުން މާލެ ވަޑައިގެން މިފަދަ ބައްދަލުވުމެއް ބޭއްވެވި ކަމަށްޓަކައި އެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. "ރާއްޖޭގެ އެކި ކައުންސިލްތަކުގެ މެމްބަރުންނާ މި ގޮތަށް ބައްދަލުކުރަން ލިބޭ ކޮންމެ ފުރުޞަތަކީ، އަޅުގަނޑު ނުހަނު އުފަލާއެކު ބަލައިގަންނަ ފުރުޞަތެއް،" މޭޔަރ ވިދާޅުވިއެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގެ ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެއް ކައުންސިލުން އަނެއް ކައުންސިލަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ބައްދަލުވުމުގައި މޭޔަރ އާދަމް ޢާޒިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މީކާއީލް މުޙައްމަދު ރިޔާޟް އަދި ދިއްގަރު ކައުންސިލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.