މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 18 އޯގަސްޓް 2026


މާލެ ސިޓީ ކައުންސިލްގެ، ރައްޔިތުންގެ ބައްދަލުވުމުގެ ޚަރަދުތަކާ ގުޅޭގޮތުން ފަތުރަނީ ދޮގު ޚަބަރުތަކެއް: މޭޔަރ ޢާޒިމް

މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގެ ޚަރަދުތަކާ ގުޅުވައިގެން ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތުތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ބައްދަލުވުމުގެ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ފައިސާ އިސްރާފު ނުކޮށް، ޚަރަދުތައް ވީހާވެސް ކުޑަކުރުމަށް ކަމަށެވެ.

އެގޮތުން ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މޭޔަރ ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00 (ދެ މިލިއަން ފަންސާސް ހާސް ފަސްސަތޭކަ ވިހި) ރުފިޔާ ޚަރަދުވެފައިވެއެވެ. ނަމަވެސް، ޚަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަފްސީލު ދެއްވަމުން ޢާޒިމް ވިދާޅުވީ، މިއަހަރުގެ ފެބުރުއަރީ މަހު ބޭއްވި ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމަށް ޚަރަދުވީ 567,839.34 (ފަސްސަތޭކަ ފަސްދޮޅަސް ހަތް ހާސް އަށްސަތޭކަ ތިރީސްނުވަ ރުފިޔާ ތިރީސްހަތަރު ލާރި) ކަމަށެވެ. އަދި ޖުލައި މަހު ބޭއްވި ދެ ވަނަ ރައްޔިތުންގެ ބައްދަލުވުމަށް ޚަރަދުވެފައިވަނީ 585,137.34 (ފަސްސަތޭކަ އަށްޑިހަ ފަސް ހާސް އެއްސަތޭކަ ތިރީސްހަތް ރުފިޔާ ތިރީސްހަތަރު ލާރި) ކަމަށާއި، މި ދެ ބައްދަލުވުމުގެ ޚަރަދުވެސް އެހެން، އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ.

މޭޔަރ އިތުރަށް ވިދާޅުވީ، ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުޚީ އަޅާފައިވަނީ މުޅި އަހަރުގެ ޖުމްލަ ޚަރަދަކީ އެންމެ ބައްދަލުވުމެއްގެ ޚަރަދުކަމަށް ދޭހަވާ ގޮތަށް އޮޅުވާލައިގެން ކަމަށެވެ.

އެހެންކަމުން، މިފަދަ ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތު ނުފެތުރުމަށާއި، ޚަބަރު ފެތުރުމުގައި މީޑިއާތަކުން މިއަށްވުރެ ޒިންމާދާރުވެ، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް މޭޔަރ އާދަމް ޢާޒިމް ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.