ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކޮށް ގެންގުޅޭ މައްސަލަ ފާހަގަކުރެވިގެން، އެގޮތަށް އެކަން ނުކުރުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަމުން ދިޔަ ވަގުތުގައެވެ. އެގޮތުން ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި މަސް ގެންގުޅޭ ބައެއް ފަރާތްތަކުން، އެއްވެސް ރައްކާތެރިކަމެއް ނެތި ބިންމަތީގައި ސަތަރި އަޅައިގެން، ސަތަރި މަތީގައި މަސް ހިއްކަން ބަހައްޓާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މި މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަށް ރަސްމީކޮށް ހުށަހެޅިއެވެ. އަދި އެމް.އެފް.ޑީ.އޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން ވަނީ އިއްޔެގެ ވަގުތެއްގައި އެ ސަރަހައްދުގައި ހުރި ތަންތަން ޚާއްޞަ ގޮތެއްގައި އިންސްޕެކްޓްކޮށް، އެފަދައިން މަސައްކަތްކުރާ ފަރާތްތަކަށް އެކަންކަން ވަގުތުން އިސްލާހުކުރުމަށް އަންގާފައެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރުމާއި ގެންގުޅުމަކީ މަނާކަމެކެވެ. އަދި އާންމު ޞިއްޙަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ކާބޯތަކެތި ތައްޔާރު ނުކުރުމަށާއި، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތްތަކުން ޞިއްޙީ މިންގަނޑުތަކަށް ފެތޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
