ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ވަގުތީ ސައިޓު ހަދާ ބިމުގެ މައްސަލަ ކައުންސިލްގެ ޕްލޭނިން ކޮމިޓީން ބެލުމަށްފަހު، އެ ބިމުގައި އެއްވެސް މައްސަލައެއް ނެތްނަމަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފައެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމެވީ ބުދަ ދުވަހު ބޭއްވި އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ނިންމުން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.
ކައުންސިލުން ހުށަހެޅި މި މައްސަލާގައި ބުނެގައި ވަނީ ވިލިމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ 32،291 އަކަފޫޓުގެ ވަގުތީ ދެ ސައިޓުގެ ބިން، ޕްރޮޖެކްޓްގެ މުއްދަތަށް ހައުސިންގ މިނިސްޓްރީއާ ޙަވާލުކޮށްދިނުމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެދިފައިވާތީއެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހް ވިދާޅުވީ، ވިލިމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ ވިލިމާލޭގެ އިތުރުން މާލެ ސިޓީގެ އެންމެހައި ރައްޔިތުންނަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑު ލާބައަކާއި މަންފާއެއް ލިބިގެންދާނެ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު އަވަހަށް ފެށުމަށްޓަކައި ހައުސިންގ މިނިސްޓްރީން އެދިފައިވާ ވަގުތީ ސައިޓްތައް ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ދޫކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މިއީ ރައްޔިތުންގެ ޞިއްޙަތާ ގުޅިފައިވާ އަސާސީ ޚިދުމަތެއް ކަމަށާއި، މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަޅައިދޭ ތަނެއް ކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް ބޮޑެތި އެހީތައް ވެދޭ ޤައުމެއްކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ، ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ބިމެއް ހަމަޖައްސައިދިނުމަކީ ގާތްގަނޑަކަށް 250،000 އެއްހާ މީހުން ދިރިއުޅޭ މާލެ ސަރަޙައްދަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މީގެއިތުރުން މޭޔަރ ވިދާޅުވީ، ހޮސްޕިޓަލްގެ ވަގުތީ ސައިޓަށް އެދިފައިވާ ބިމަކީ ކުރިން އެހެން ފަރާތަކަށް ދޫކޮށްފައިވާ ބިމެއްތޯ ނުވަތަ އެ ބިމާ ގުޅޭ އެއްވެސް ކޮންޓްރެކްޓެއް އެއްބަސްވުމެއް އޮތްތޯ ކައުންސިލްގެ ޕްލޭނިން ކޮމިޓީން ބަލައި ސާފުކުރަންޖެހޭ ކަމަށެވެ.
