މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީއެއް އޮތް ނަމަވެސް، ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް ކައުންސިލުން ނުކުރާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ދެއްވައިފިއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައި ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ވަގުތީ ސައިޓު ހަދާ ބިން ހައުސިންގ މިނިސްޓްރީ ދިނުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައަށް ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނަށްޓަކައި އުފެދިފައިވާ ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ ސިޔާސަތުތައް އަބަދުވެސް ބައްޓަންވެފައި ހުންނާނީ ރައްޔިތުންގެ ފައިދާއަށް ކަމަށެވެ. ޚާއްޞަކޮށް ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ބޭނުންތައް ފުއްދައިދިނުމުގައި އެމްޑީޕީން އަބަދުވެސް އިސްކަންދޭނެ ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ.
"ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް މިތަނަކުން (ސިޓީ ކައުންސިލަކުން) ނުކުރާނެ. އެ ޔަގީންކަން އަޅުގަނޑު މާލެ ސިޓީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަން،" މޭޔަރު ވިދާޅުވިއެވެ.
މީގެއިތުރުން، ކައުންސިލްގެ ނިންމުންތަކާއި މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެދޭ ގޮތަށް އަދި ކަންކަން އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ވެސް މޭޔަރު ޢާޒިމް ވަނީ އެދިވަޑައިގެންފައެވެ.
ސިޓީ ކައުންސިލްގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމާއެކު މާލެ ސިޓީގެ ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށްވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
