މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް19 އޯގަސްޓް 2026


މާފަންނު ނެދުންގޯޅި ޕެޑެސްޓްރިއަން ގޯޅިއަކަށް ބަދަލުކުރުމުގެ މައްސަލަ ޓްރެފިކް ކޮމިޓީއަށް ފޮނުވައިފި

މާފަންނު ނެދުންގޯޅި ހިނގާ މީހުންނަށް ޚާއްޞަ "ޕެޑެސްޓްރިއަން" ގޯޅިއަކަށް ބަދަލުކުރުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލްގެ ޓްރެފިކް ކޮމިޓީއަށް ފޮނުވަން ނިންމައިފިއެވެ.

މި މައްސަލަ ޓްރެފިކް ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުންނެވެ.

ކައުންސިލުން ހުށަހެޅި މި މައްސަލައިގައި ބަޔާންކޮށްފައިވަނީ، މާފަންނު ނެދުންގޯޅި ޕެޑެސްޓްރިއަން ގޯޅިއަކަށް ބަދަލުކުރުމަށް އެދި އެ ގޯޅީގައި ހުންނަ ގޭގޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ޓްރެފިކް ކޮމިޓީއަށް ފޮނުވީ އެ ޕެޓިޝަނާ ގުޅޭގޮތުން ފަންނީ އަދި އިދާރީ ދިރާސާތައް ކުރުމަށްފަހު ގޮތެއް ނިންމުމުގެ ބޭނުމުގައެވެ.

މާލޭގެ މަގުތަކަކީ ތޮއްޖެހުން ބޮޑު މަގުތަކަކަށް ވުމާއެކު، ބައެއް ކުދި ގޯޅިތައް ހިނގާ މީހުންނަށް ޚާއްޞަ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަކީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމެކެވެ.

ޓްރެފިކް ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.