ކޮންމެ އަހަރަކު އެއްފަހަރު މާލެ ސިޓީގެ އެއްގަމާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިވެންޓް ކޮމިޓީއަށް ފޮނުވަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލުން އެއްގަމާއި މޫދު ސާފުކުރުމުގެ ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް ކަނޑައަޅައި، ކޮންމެ އަހަރަކު ވެސް އެއް ދުވަހު ބޮޑު ހަރަކާތެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ހަރަކާތް ކޮންމެ އަހަރެއްގެ ވެސް ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުގައިވާ ޖޫން 5 ގައި ކުރިއަށް ގެންދެވިދާނެ ކަމަށް އޭނާ ހުށަހެޅުއްވިއެވެ.
މީގެއިތުރުން ޒަހިއްޔާ ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ތިމާވެށީގެ ދުވަސް ދިމާވަނީ ހޮނިހިރު ދުވަހަކަށް ކަމަށްވާތީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިފަދަ ބަންދު ދުވަހެއް ކަނޑައެޅުން މުހިންމެވެ. އަދި ކަނޑައަޅާ ދުވަހު މޫސުން ތަންނުދޭނަމަ އެހެން ދުވަހަކަށް ފަސްކުރެވުނު ނަމަވެސް، ކޮންމެ އަހަރަކު ވެސް މި ހަރަކާތް ބާއްވާނެ ވަކި ދުވަހެއް އޮތުން މުހިންމު ކަމަށް ވިދާޅުވިއެވެ.
މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކާއި، ފުލުހުންނާއި ސިފައިން، ކަސްޓަމްސް އަދި އިމިގްރޭޝަންގެ އޮފިސަރުންނާއި، ސްކޫލްތަކުގެ މުދައްރިސުންނާއި، ގާލްގައިޑުންނާއި ސްކައުޓުންގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އާންމު ރައްޔިތުން ބައިވެރިކުރެވިދާނެ ކަމަށް ޒަހިއްޔާ ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން އިޖުތިމާއީ ގުޅުން ބަދަހިވެ، ތިމާވެށި ހިމާޔަތްކުރުމުގެ ރޫހު މުޖުތަމައުގައި އާލާވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ކަނޑުގެ ވަސީލަތްތަކާއި ސާފުކަމުގެ މައްޗަށް ކަމަށްވާއިރު، ކަނޑަށް އެޅޭ ކުންޏާއި ޕްލާސްޓިކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި އިންސާނުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާކަން ޒަހިއްޔާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުތައް ސާފުކޮށް ބެހެއްޓުމަކީ ފަރުދީ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގެ ތެރެއިން ޒަހިއްޔާ ވަނީ އެޗްޑީސީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ހުޅުމާލޭގެ އާންމު ތަންތަނަށް ކުނިއަޅާ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާނެ ކަމަށް އެޗްޑީސީން ބުނެފައިވާ ބުނުން އޭނާ ކުށްވެރިކުރެއްވިއެވެ. އަދި ސިޓީ ކައުންސިލުން އެޗްޑީސީގެ ޒިންމާތަކާ ގުޅޭގޮތުން ނިންމުންތަކެއް ނިންމުމުން، އެ ކުންފުނިން ކުއްލި ގޮތަކަށް ސާފުކުރުމުގެ ހަރަކާތެއް ހިންގީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށާއި އެއީ އިޚްލާސްތެރި ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ޒަހިއްޔާ ވިދާޅުވީ އާންމު ރައްޔިތަކު ހުށަހެޅި އާރްޓީއައި އަކަށް އެޗްޑީސީން ދިން ޖަވާބުގައި ކުނި އަޅާ މީހުންނަށް ފިޔަވަޅު ނާޅާނެ ކަމަށް ބުނެފައިވާއިރު، އެފަދަ ގޮތަކަށް އަމަލުކުރާ ބަޔަކަށް ހުޅުމާލޭގެ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ.
