މާލެ ސިޓީ ކައުންސިލުން ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ގޮތުން، އިނގިރޭސިބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔުމަށް 561،000 (ފަސްލައްކަ ފަސްދޮޅަސް އެއްހާސް) ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ދިރާސާއެއް ކުރުމަށްޓަކައި ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވުމަށް ނިންމައިފިއެވެ.
ކައުންސިލުން މިގޮތަށް ނިންމެވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ޖަލްސާއަށް ހުށަހަޅުއްވަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ، ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ސިޔާސީ ގާތް މިތުރެއް ކަމަށްވާ މއ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެއް ކަމަށްވާ "ކިންގްސް ކޮންސަލްޓެންސީ ޕްރައިވެޓް ލިމިޓެޑް" އާ ސިޓީ ކައުންސިލުން ލިޔަންޖެހޭ އިނގިރޭސި ލިޔުންތައް ލިޔުމުގެ މަސައްކަތް 561،000 ރުފިޔާއަށް ހަވާލުކޮށްފައިވާ ކަމަށެވެ.
ޒަހިއްޔާ ފާހަގަކުރެއްވި ގޮތުގައި މި ދެންނެވި ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ 17 އޮކްޓޯބަރު 2021 ގައެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވަނީ ޖެހިގެން އައި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންކަމުން މިއީ މުޙައްމަދު ޙުސައިން ޝަރީފަށް މާލީ މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ދުރާލައި ރޭވިގެން އުފެއްދި ކުންފުންޏެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ސިޓީ ކައުންސިލްގައި ރައްކާކޮށް ބަލަހައްޓާފައި ނުވާކަމަށާއި، އެ ކުންފުނިން ލިޔެދީފައިވަނީ ކިތައް ލިޔުންކަން އެނގޭނެ އެއްވެސް މީހަކު އޭރުވެސް އަދި މިހާރުވެސް ކައުންސިލްގައި ނެތްކަން ޒަހިއްޔާ ފާހަގަކުރެއްވިއެވެ. އަދި އޭރު ކައުންސިލްގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނާ ހަވާލާދީ އޭނާ ވިދާޅުވީ، އެ މަސައްކަތަކީ ސީދާ އޭރުގެ މޭޔަރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށާއި، ރާއްޖެއިން ބޭރަށް މޭޔަރު ކުރެއްވި ދަތުރުފުޅުތަކަށް ބޭނުންވާ ލިޔުންތައް ލިޔެދީފައިވީ ނަމަވެސް އެކަމުގެ އެއްވެސް ރެކޯޑެއް ކައުންސިލުގައި ނެތް ކަމަށެވެ.
"ތަރައްގީވެފައިވާ މި ޒަމާނުގައި އިނގިރޭސި ބަހުން ލިޔުމެއް ލިޔަން ކުންފުންޏަކާ ހަވާލުކުރުމަކީ ކުރާނެ ކަމެއްތޯ ތިޔަ ކައުންސިލަރުން ނިކަން ވިސްނާލައްވާ. އަޅުގަނޑުމެން މި ދައްކަނީ މަދު ފައިސާއެއްގެ ވާހަކައެއް ނޫން. ފަސް ލައްކައަށްވުރެ ގިނަ ފައިސާގެ ވާހަކަ،" ޒަހިއްޔާ ވިދާޅުވިއެވެ. އަދި މިއީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަމަކަށްވާތީ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި މައްސަލަ މިހާރު ވެސް ވާނީ އޭސީސީއަށް ފޮނުވާފައި ކަމަށެވެ. އަދި މީގެ އިތުރުން ކައުންސިލަރުން އެދިވަޑައިގެންނެވި ފަދައިން، ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް މި މައްސަލަ ފޮނުވައިގެން، ކަމާ ގުޅޭ ލިޔެކިޔުންތައް ހުރިތޯ ބަލައި، ކަންކަން ސާފުކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
