މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތަފާތު އެކިއެކި ތަމްރީނު ޕްރޮގްރާމްތަކުގައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށި ކައުންސިލްގެ މުވައްޒަފުންނަށް ފުރުޞަތު ދިނުމާ ގުޅޭގޮތުން ދެ ކައުންސިލްގެ ދެމެދުގައި މިއަދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އަލިފުށީ ކައުންސިލްގެ އިސް ވަފުދަކުން މިއަދު މާލެ ސިޓީ ކައުންސިލަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެއިންނެވެ.
މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ކައުންސިލް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ ތަމްރީނުތަކުގައި އަލިފުށީ ކައުންސިލްގެ މުވައްޒަފުން ބައިވެރިކުރުމުގެ އިތުރުން، މާލެ ސިޓީ ފެހިކުރުމަށްޓަކައި އަލިފުށީ ކައުންސިލުން މާލެ ސިޓީ ކައުންސިލަށް ގަސް ހަދިޔާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، މާލެ ސިޓި ކައުންސިލްގެ އެހީތެރިކަން އަލިފުށި ކައުންސިލަށް ދެއްވާނެ ކަމަށާއި ދެ ކައުންސިލްގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެންހުރި މަސައްކަތް ތަކަކީ ކޮބާތޯ ބަލަވާނެ ކަމަށެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ އަލިފުށީ ކައުންސިލްގެ މެންބަރުން ދެވަނަ ފަހަރަށް މާލެ ވަޑައިގެން ބައްދަލުކުރެއްވި ކަމަށްޓަކައި އެ ބޭފުޅުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ އެކި ކައުންސިލްތަކުގެ މެންބަރުންނާ މިފަދައިން ބައްދަލުކުރަން ލިބޭ ކޮންމެ ފުރުޞަތަކީ، ނުހަނު އުފަލާއެކު ބަލައިގަންނަ އަދި މަރުޙަބާ ކިޔާ ފުރުޞަތެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކުގެ ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއް ކައުންސިލުން އަނެއް ކައުންސިލަށް ތަޖުރިބާ ހިއްސާކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ދެ ކައުންސިލުން ވެސް ޤަބޫލުކުރެއެވެ.
