މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޕޭ ޓޮއިލެޓްތައް ހުރި ބިންތައް، ސެލްފް ފައިނޭންސިންގ އުސޫލުން އަމިއްލަ ޚަރަދުގައި ތަރައްޤީކޮށް ދިގު މުއްދަތަކަށް ކުއްޔަށް ހިފުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މުހިންމު ހަތަރު ސަރަޙައްދެއްގައި ހުރި ފާޚާނާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ފިހާރަ ކައިރީގައި ހުންނަ ޕޭ ޓޮއިލެޓް 6 ހުރި ބިމާއި، ބޮޑުތަކުރުފާނު މަގުގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއާ އިންވެގެން ހުންނަ ޕޭ ޓޮއިލެޓް 7 ހުރި ބިމުގެ އިތުރުން، ހެންވޭރުގައި ހުރި ޕޭ ޓޮއިލެޓް އަދި އެމްއެމްއޭ ކައިރީގައި ހުރި ޕޭ ޓޮއިލެޓް ހުރި ބިމެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިކަމާ ގުޅޭ ތަފްސީލީ އިއުލާނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޕަބްލިކް ފާޚާނާތައް އަލުން ތަރައްޤީކުރާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ފާޚާނާތަކުގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަކީ މި މަޝްރޫޢުގެ މައިގަނޑު އެއް މަޤްޞަދު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، އަލަށް ތަރައްޤީކުރެވޭ މި ފާޚާނާ ބަރިތަކުގައި ޒަމާނީ ފެންވަރުގެ ޗޭންޖިންގ ރޫމްތަކާއި، އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަކުރެވިފައިވާ ވަކި ފާޚާނާ ބަރިތައް ހިމެނޭނެ ކަމަށެވެ.
މި ބަދަލުތަކާއެކު މާލޭގެ މަގުތަކާއި އާންމު ސަރަޙައްދުތައް ބޭނުންކުރާ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.
