މާލޭގެ މއ. ދޫގަސްވިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ހުރި ކުނިތައް ނަގައި، އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭފަތިހު ގޭސް ފުޅިއެއް ގޮވައިގެން އަލިފާނުގެ ހާދިސާ ހިނގީ ފަސް ކޮޓަރި ހިމެނޭ، 15 މީހުން އުޅޭ ތަނެއްގައެވެ.
މި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހާދިސާއަށްފަހު ގިނަ އަދަދެއްގެ ކުންޏާއި ހަލާކުވެފައިވާ ތަކެތި އެތަނުގައި ޖަމާވެފައި ހުއްޓެވެ.
މި އިމާރާތް ސާފުކުރުމުގެ ޚާއްޞަ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުންނެވެ. މި މަސައްކަތުގެ ދަށުން، އަލިފާނުގެ ސަބަބުން އަނދައި އަދި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެކި ބާވަތުގެ ތަކެއްޗާއި، ގޭތެރޭގައި ޖަމާވެފައި ހުރި އެންމެހައި ކުނިތައް އެތަނުން ނަގައި، ރައްކާތެރިކަމާއެކު ވަނީ އުކާލާފައެވެ.
އަލިފާނުގެ މިފަދަ ނުރައްކާތެރި ހާދިސާތަކަށްފަހު، އެފަދަ ތަންތަން ސާފުނުކޮށް ގިނަ ދުވަސްވުމަކީ ޞިއްޙީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އެ ސަރަޙައްދުގެ އަވައްޓެރިންނަށާއި އާންމުންނަށް އެތައް އުނދަގޫތަކަކާއި ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ.
މާލެ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވެރިރަށް މާލޭގެ މަގުތަކާއި އާންމު ތަންތަނަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި އަދި ސާފުތާހިރު ތަންތަނުގެ ގޮތުގައި ބޭއްވުމަށެވެ.
