މާލޭގެ އިރުމަތީ ފަރާތުގައި އޮންނަ އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދުތަކެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިކަން ހާމަކޮށް އާދީއްތަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އަލިމަސް ކާނިވާ ސްޓޭޖްގެ މަތިން ދަގަނޑު ޓްރަސް އަޅައިގެން ހަދާފައިވާ ބައިތައް ދަބަރު ޖަހައި ފީވެ، ހަލާކުވެގެން އޭގެ ބައެއް ބައިތައް މިހާރު ތިރިއަށް ވެއްޓެމުންދާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދަށް ވަދެނިކުމެ އުޅޭ އާންމުންނާއި ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ސްޓޭޖުގެ ދަގަނޑު ބައިތައް ރޫޅާލައި އެ ތަކެތި ނެގުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މިހާރު އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ ވެހިކަލްތަކެއް އެ ތަކެތީގެ ވެރިފަރާތްތަކުންނާއި، ވެހިކަލް ދުއްވާ އަދި ބަލަހައްޓާ ފަރާތްތަކުން އިއްޔެއިން ފެށިގެން ނެގުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި ސްޓޭޖް ރޫޅާލުމުގެ މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދު އެއްކޮށް ހުސްކޮށް ބާއްވައިދިނުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ސްޓޭޖް ރޫޅާލުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ނުރައްކާތެރި އެއްވެސް ހާދިސާއެއް ހިނގިޔަ ނުދިނުމުގެ ގޮތުން، މި މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެހި އެ ސަރަހައްދަށް ވަދެ ނުހެދުމަށް ވެސް ކައުންސިލުން ވަނީ އާންމުކޮށް އަންގާފައެވެ.
