މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް30 އޯގަސްޓް 2026


ގަލޮޅު ސްކޫލްގެ ޕްރީސްކޫލް ބޭންޑް އިފްތިތާޙުކޮށްފި

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ގަލޮޅު ސްކޫލްގެ ޕްރީސްކޫލް ބޭންޑް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިކަމަށްޓަކައި އެ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ސިޓީގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމް އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާއެވެ. މީގެއިތުރުން ސްކޫލްގެ އިސްވެރިންނާއި، މުދައްރިސުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލަރު އާމިނަތު އިރާޝާ ވަނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުޑަކުދިންގެ ހުނަރުތައް ތަރައްޤީވެ، އިތުރު ހަރަކާތްތަކަށް ޝައުޤުވެރިކަން އުފެދިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ބޭންޑުގެ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ހިތްވަރުދެއްވައި، މިކަމުގައި އިސްނެންގެވި ސްކޫލުގެ މެނޭޖްމަންޓަށާއި ޓީޗަރުންނަށް އިރާޝާ ވަނީ ޝުކުރު އަދާކުރެއްވިއެވެ.

ގަލޮޅު ސްކޫލަކީ ބޭބީ ނާސަރީން ފެށިގެން ޔޫ.ކޭ.ޖީ (UKG) އާ ހަމައަށް ފެންވަރު ރަނގަޅު ޕްރީސްކޫލް ތަޢުލީމު ފޯރުކޮށްދެމުން އަންނަ ސްކޫލެކެވެ. ކިޔެވުމުގެ އިތުރުން ކުދިންގެ ޖިސްމާނީ އަދި ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ރަސްމިއްޔާތު ނިމިގެންދިޔައީ އަލަށް އިފްތިތާޙުކުރެވުނު ޕްރީސްކޫލް ބޭންޑުގެ ދަރިވަރުންގެ ފުރިހަމަ ހުށަހެޅުމަކާ އެކުގައެވެ.