މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 30 އޯގަސްޓް 2026


މއ. ފުނަގޯޅި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ހަނި ގޯޅިތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރަށްދެބައިމަގު، މއ. ފުނަގޯޅި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މާލޭގެ މަގުތަކާއި ގޯޅިތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ކައުންސިލުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލޭގެ ބައެއް ގޯޅިތައް ހަލާކުވެ، އެތައް އަހަރުތަކެއް ވަންދެން މަރާމާތު ނުކުރެވި އޮތުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައާއި އާންމު ދިރިއުޅުމުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ގޯޅިތައް ތަރައްޤީ ކުރުމަށް ކައުންސިލުން ހާއްސަ އިސްކަމެއް ދެމުން އަންނަކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"ސިޓީ ކައުންސިލްގެ އަމާޒަކީ މިފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް، ހިތްފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުން،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން މި އަމާޒުތައް ޙާޞިލް ކުރުމަށްޓަކައި ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވި ދުވެލީގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ދެކޭގޮތުގައި މި މަސައްކަތަކީ މާލޭގެ ދިރިއުޅޭ މާހައުލު ރަނގަޅު ކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

ފުނަގޯޅި މަރާމާތުކޮށް ނިމުމުން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.