މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 31 އޯގަސްޓް 2026


މާލޭގެ ފަޅުތެރެއަށް ކުނިއަޅާ މީހުންގެ މަޢުލޫމާތާއި ފޮޓޯ ހިއްސާކުރުމަށް އެދެފި

މާލެ ސިޓީގެ ފަޅުތެރެއަށް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ އަދި ވީޑިއޯ ޚާއްޞަ ހޮޓްލައިން ނަންބަރަށް ފޮނުވައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

ވެރިރަށް މާލޭގެ މަގުމައްޗަށާއި ފަޅުތެރެއަށް ޤަވާޢިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވައިދިނުން އެދޭ ކަމަށެވެ. މިއީ މާލޭގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކުނިއަޅާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މާލެ ސިޓީގެ ފަޅުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ކައުންސިލުން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ މަސައްކަތެކެވެ.

މާލެ ސިޓީގެ ވެށި ރީތިކޮށް، ސާފުތާހިރުކަންމަތީ ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، މަގުތަކަށާއި ފަޅުތެރެއަށް ކުނި ނޭޅުމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްދިނުމަށް މީގެ ކުރިން ވެސް ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.