މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް01 ސެޕްޓެމްބަރ 2026


ވިޔަފާރިވެރިންގެ މިސްކިތުން ލައިޓްތަކެއް ވަގަށް ނެގުމުން މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

މާލޭގެ މަސްޖިދުލް ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) ގެ ތިރީ ފްލޯގައި ހަރުކޮށްފައި ހުރި ބައެއް ލައިޓްތައް ވަގަށް ނަގައިފިއެވެ.

މިސްކިތުގެ ތިރީ ފަންގިފިލާއިން ޖުމްލަ ހަތަރު ލައިޓެއް ވަނީ ވަގަށް ނަގާފައެވެ. މި މައްސަލަ ފާހަގަކުރެވުމާއެކު، މާލެ ސިޓީ ކައުންސިލުން ވަނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް، ތަޙުޤީޤު ކުރުމަށް އެދިފައެވެ. އަދި މިސްކިތް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭހެން ކައުންސިލުން މިހާރު ވަނީ އަލުން އައު ލައިޓްތައް ގަނެ، އެ ތަނުގައި ހަރުކޮށްފައެވެ.

މިސްކިތްތަކަށް ގެއްލުންދީ، ތަކެތި ވަގަށް ނަގަމުންދާ މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މޭޔަރު ޢާޒިމް ވިދާޅުވީ "މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޖީބު އަމަލެއް" ކަމަށެވެ. އަދި މިފަދަ ނާތަހުޒީބު، ޢައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތައް އަވަހަށް ހޯދައި، އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޙައްޤު އަދަބު ލިބެންޖެހޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ޖުމްލަ 41 މިސްކިތެއް މާލެ ސަރަހައްދުގައި ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ.

މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން މިސްކިތްތަކުން ނަމާދުކުރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބުރޫއަރައި، ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުންނެވެ.