ގދ. ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީގެ މައްޗަށް މިހާރު ހިންގަމުންދަނީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް، ސިޔާސީ ގޮތުން ރޭވިގެން ހިންގާ ބޭއިންސާފު ތަޙުޤީޤުތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ ގދ. ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިން ކަމަށް ބުނާ މައްސަލައިގައި، މޭޔަރ ސަޢުދު ޢަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެ ދަޢުވާއެއް އުފުލުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ސަޢުދުގެ މައްޗަށް ކޮށްފައިވާ ދޮގު ދަޢުވާތައް ވަގުތުން ވަގުތަށް އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ސަރުކާރުން ހިންގަމުންގެންދާ މަސައްކަތްތަކުގެ ބޮޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށް ވިދާޅުވެ، ބިރުދެއްކުމާއި ސިޔާސީ ނުފޫޒުން ވެރިކަން ހިންގަން އުޅޭ މިފަދަ ހުދުމުޚުތާރު ވެރިކަމެއް ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.
