ރަށްރަށާއި ސިޓީތަކުގެ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤުކޮށް، އަމަލުކުރަން ފެށުމަކީ ރައްޔިތުން ބާރުވެރިކުރުމުގެ އަސްލާ މުޅިން ޚިލާފު ނިންމުމެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު ޢާޒިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތަކާއި ތަންތަން، ކައުންސިލްތަކުގެ ބާރުގެ ދަށުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް، އަމަލުކުރަން ފެށުމަކީ ރައްޔިތުން ބާރުވެރިކުރުމުގެ މައިގަނޑު މަގުސަދާ މުޅިން އިދިކޮޅު ކަމެއް ކަމަށެވެ.
މީގެއިތުރުން މޭޔަރ ޢާޒިމް ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ކުރެވުނު ކަމެކެވެ. އަދި މިއީ ރައްޔިތުން ވޯޓުދީގެން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ގާނޫނީ ބާރުތައް ނިގުޅައިގަތުމަށް އެޅި ވަރަށް ނުރައްކާތެރި ފިޔަވަޅެއް ކަމަށް ވިދާޅުވެ، އެކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމާ ގުޅިގެން، ކައުންސިލްތަކުގެ ބާރުތައް ހަނިވެގެންދާނެ ކަމަށް ބުނެ ސިޔާސީ އެކި ފަރާތްތަކުންނާއި ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
