މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ސަރުކާރުން ކަނޑަމުންދަނީ އެ މުވައްޒަފުން ނިކަމެތި ކުރުމުގެ ބޭނުމުގައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގެ ތެރެއިންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލަށް ލިބޭ އާންމު އާމްދަނީގެ ބޮޑު އަދަދެއް ސަރުކާރުން މިހާރު ވަނީ ކަނޑާލާފައި ކަމަށާއި، އޭގެ ސަބަބުން ކައުންސިލްގެ ބަޖެޓް ބޮޑުތަނުން ޑެފިސިޓް ވެގެންދާނެ ކަމަށެވެ. އަދި ޒަމާނުއްސުރެ ކައުންސިލަށް ލިބެމުން އަންނަ އެތައް ބިލްތަކެއް އެބަހުރި ކަމަށާއި، މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލަށް ލިބޭ މަދު އެއްޗަކުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންވީމަ ސަރުކާރުގައި މިއެދެނީ ދައްކަން މިހިރަ ބޮޑެތި ބިލްތައް ދެއްކުމަށް ބަޖެޓް އިތުރަށް ހަމަޖައްސައިދިނުމަށް،" ޢާޒިމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ތެރެއިން ކުރިން ސޭވްކޮށްފައި ހުރި ފައިސާގެ އެހީގައި މިދިޔަ މަހު މުވައްޒަފުންނަށް މުސާރަ ދެވުނު ނަމަވެސް، މި ހިނގާ މަހުގެ މުސާރަ ދިނުމަށް ބަޖެޓުގައި ފައިސާ ނެތް ކަމަށެވެ. އަދި މި މަހު ވެސް ސަރުކާރުން ގްރާންޓުން 13 މިލިއަން ރުފިޔާ ކަނޑާލާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސަރުކާރުގެ މި ނިންމުންތަކުގެ ސަބަބުން ކައުންސިލްގެ ހިންގުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން މިސްކިތްތައް ބެލެހެއްޓުމަށާއި، މަގުތައް މަރާމާތުކޮށް ހެދުމަށާއި، އަދި ފްލެޓްތައް މަރާމާތު ކުރުން ފަދަ މުހިންމު ކަންކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ދަތިތަކާއެކުވެސް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނީ ވީހާވެސް ޚަރަދު ކުޑަކޮށް މާލެ ސިޓީ ކައުންސިލް ހިންގޭތޯ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަހުވެސް ދަތި އުނދަގޫތަކެއް ހުންނާނެތީ، އެކަން މާލޭގެ ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
