މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 02 ސެޕްޓެމްބަރ 2026


"އޮޑިން ރަށަށް ވިލިމާލެ 2026" ގެ ނަމުގައި ބާއްވާ ފެތުމުގެ މުބާރާތައް ވިލިމާލެ ސްޕޯޓްސް ބީޗް ސަރަހައްދު ހަމަޖައްސަދީފި

ސްވިމް މޯލްޑިވްސްގެ ފަރާތުން "އޮޑިން ރަށަށް ވިލިމާލެ 2026" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެތުމުގެ މުބާރާތައް ވިލިމާލެ ސްޕޯޓްސް ބީޗް ސަރަހައްދު މާލެ ސިޓީ ކައުންސިލުން ހަމަޖައްސަދީފި އެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމެވީ މިއަދު ކުރިއަށްދިޔަ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ހޮސްޓިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ވެސް މާލެ ސިޓީ ކައުންސިލެވެ.

މި ނިންމުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މި މުބާރާތަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށާއި، ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.