މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 02 ސެޕްޓެމްބަރ 2026


މާލޭ މަގުމަތިން ދޫކުރި ޕާކިން ޖާގަތަކުގެ އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމާމެދު މަޝްވަރާކުރަން އޮޑިޓް ކޮމިޓީއަށް ފޮނުވައިފި

މާލެ ސިޓީގެ މަގުމަތިން ދޫކޮށްފައިވާ ޕާކިން ޖާގަތަކުގެ އިންވެސްޓިގޭޓިވް އޮޑިޓެއް ހެދުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށްޓަކައި، މި މައްސަލަ މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ އޮޑިޓް ކޮމިޓީއަށް ފޮނުވަން ނިންމީ މިއަދު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ޖަލްސާއަށް ހުށަހަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ޙުސައިން ފުރުޝާން ވިދާޅުވީ، މާލޭގެ މަގުމަތި ވިއްކައި ހުސްކުރި ވާހަކައަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ދެކެވެމުން އަންނަ، އަދި އަލަށް ދެއްކޭ ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން މި ހުށަހެޅުމަކީ އޭރު މަގުމަތިން ވިއްކާފައިވާ 800 އަށް ވުރެ ގިނަ ޕާކިން ޖާގަތަކާ ގުޅޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރުޝާން އިތުރަށް ވިދާޅުވީ، މަގުމަތިން އެގޮތަށް ޕާކިން ޒޯންތައް ނުވިއްކޭނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާންކޮށް 10 ފެބުރުއަރީ 2022 ގައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ސިޓީ ކައުންސިލަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް މަގުމަތިން ޕާކިން ޖާގަ ވިއްކުން ހުއްޓާލުމަށް އަންގާފައިވަނިކޮށް، އޭރުގެ ސިޓީ ކައުންސިލުން އެކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެޓާނީ ޖެނެރަލްގެ ލަފައަކާ ގުޅިގެން މަގުމަތިން ޕާކިން ޖާގަ ނުވިއްކޭނެތީ އެ ޖާގަތައް ކެންސަލް ކުރުމަށް ސިޓީ ކައުންސިލަށް އަންގާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފުރުޝާން ވިދާޅުވިއެވެ.